މުޖުތަމަޢު ތަރައްގީ ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަކީ މުޖުތަމަޢު ކުރިއެރުވުމަށް ފަށައިގަތުމުގެ ތެރެއިން ހިމެނިގެންވާކަމެވެ. ސަބަބަކީ ވަސީލައްތައް ދެނެގަނެ އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރުމެވެ. ވަސީލަތް ހިމެނިގެންވަނީ ހަމައެކަނި ފައިސާއާ މުދަލަކުންނޫނެވެ. މައިގަނޑު ގޮތެއްގައި ވަސީލަތް ބަހާލެވިފައިވަނީ: ގުދުރަތީ ވަސީލަތް، އންސާނީ ވަސީލަތް، މާލީ ވަސީލަތް އަދި އިންސާނުންގެ ބޭނުމަށް އުފައްދައިފައި ހުންނަ ތަފާތު ވަސީލަތް ތަކުގެ މަައްޗަށެވެ. އެއްވަސީލަތަކާ އަނެއްވަސީލަތަކާއި ގުލިލާމެހިފައިވާތީ ވަސީލައްތައް ބައިކޮން ދެނެގަތުމަކީ ނުހަނު އުދަގޫ ކަމެކެވެ.
ގުދުރަތީ ވަސީލަތް ކަމުގައި ހިމެނެނީ ގުދުރަތީ ގޮތުން ﷲ ލައްވަވާފައިވާ އެންމެހާ ނިއުމަތްތަކެވެ. ބައެއް މިސާލުތަކަކީ ބިން، ވައި، ފެން، ތަފާތު މައުދަންތައް، ތެޔޮ، ގޭސް، ގަސްގަހާގެހި، ޖަނަވާރާއި ސޫފާސޫފީ، މަސްމަހާމެހި، ފަރުތައް އަދި މިފަދަ އެންމެހާ ތަންތަނާއި ތަކެތި އޭގެއިތުރުން މިފަދަ ތަންނަނާއި ތަކެއްޗާ ބެހޭގޮތުން ހެދިފައި ހުންނަ ގާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި އެންމެހާ ތަކެއްޗެވެ. ގުދުރަތީ ވަސީލަތް ތަކަކީ އެހެން ހުރިހާ ވަސީލަތް ތަކެއްގެ އަސްލެވެ. އެއީ މައިގަނޑު ގޮތެއްގައި އެއްޗެއް އުފެދުމު އަސްލު ކަމުގައިވަނީ ގުދުރަތީ ވަސީލަތެވެ. އެހެންކަމުން ވަސީލައްތައް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ގޮތްތަކެއް ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެކެވެ.
އިންސާނީ ވަސީލަތަކީ އިންސާނާއެވެ. މުޖުތަމަޢުއްގެ އެންމެ މުހިންމު ރައުސްމާލެވެ. އިންސާނީ ވަސީލަތަކީ އިންސާނާގެ ޖިސްމު އެކަންނިއެއްނޫނެވެ. އިންސާނަށް ލިބިގެންވާ އަޚުލާގާއި، ތަޢުލީމާއި، ވިސްނުމާއި، ހިޔާލާތާއި، ތަޖުރިބާ އަދި ފިކުރު އެއީ އިސްސާނީ ވަސީލަތުގެ މުހިންމު ބައިތަކެވެ. ތަރައްޤީގެ އަސްލުކަމުގައި ވާންޖެހޭނީ އިންސާނާ ތަރައްޤީ ވުމެވެ. އެހެންކަމުން އިންސާނާ ވާންޖެހޭނީ ފުރިހަމަ މީހަކަށެވެ. އިންސާނަށް ފުރިހަމަ ސިއްޙަތަކާއި، ތަޢުލީމު، މިނިވަންކަން، ރައްކާތެރިކަން ލިބެންޖެހޭނެއެވެ. ތަރައްޤީ ގެ މަޤްސަދަކީ އިންސާނާއަށް އެކަށްކަން ހާސިލް ކޮށްދިނުމެވެ.
މާލީ ވަސީލަތަކީ ފައިސާއާއި މުދާ ހޯދުމުގެ ވަސީލަތް ތަކެވެ. މުދަލުގެ ސަބަބުން އިންސާނީ ވަސީލަތް ފުރިހަމަ ގޮތުގައި ތަރައްޤީވުމަށް ތަފާތު މަގުތައް ދައްކައެވެ. ނަމަވެސް މުދަލަކީ އޭގެ ޒާތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ މައްސަލަ ތަކެއްގެ ހައްލެއް ނޫނެވެ. މާލީ މަސީލަތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކަކީ؛ ލޯން، ހިލޭއެކީ، ބޭންކް ތަކާއި މާލީ އެހެން މުއައްސަސާތައް، އިންވެސްޓްމެންޓް، ފައިސާ ހޯދުމަށް ކުރާ އެންހެންމަސައްކަތް ތައްފަދަ ކަންކަމެވެ.
އިންސާނުންގެ ބޭނުމަށް އުފައްދާފައި ހުންނަ ވަސީލައްތަކަކީ އިންސާނީ މުޖުތަމައު ތަރައްޤީ ވުމަށް ބާރުފޯރުވާ މުހިންމު ހަތިޔާރެވެ. ކުރިން ބުނެވެދިޔަ އެއްމެހާ ވަސިލަތްތައް ގުޅުވާލާ އާލާތެކެވެ. އޭގެ ވަސީލަަތްތަކަކީ؛ އިމާރާތްތަކާއި، މަގުތަކާއި، މުވާސަލާތީ ނިޒާމުތަކާއި، ދަތުރުފަތުރާއި އަދިވެސް އެންމެހާ މިފަދަ ކަންކަމެވެ. އަދި ސިޔާސީ ނިޒާމުތަކާއި ޤާނޫނުތަކާއި ގަވާއިދުތައްފަދަ މުހިންމު ބައިތައް ބެހިގެން ގޮސްފައިވާ މިބައިގައެވެ.
މީހުން ކުރިއެރުވުން
މުޖުމައުގެ ކޮންމެމީހަކީވެސް ކޮންމެވެސް ކަހަލަ ހުނަރެއް ﷲ ގެ ރަޙުމަތް ފުޅުން ލިބިފައިވާ މީހެކެވެ. އެކޮންމެ ޢިލްމަކީ މުޖުތަމަޢުއަށް ވަރަށް މުހިންމު ވަސީލަތެވެ. ވަގުތާއި ހާލަތާ ގުޅޭގޮތުންނެވެ.އެހެންކަމުން އިންސާނާގެ ބައިވެރިވުން ފުރިހަމަ ގޮތެއްގައި ހޯދުމަށް އިންސާނާ ތަމްރީނުވާން ޖެހެއެވެ. އިންސާނާގެ ހުނަރު އިތުރަށް ތަރައްޤީ ކުރަންޖެހެއެވެ. އިންސާއަށް ފުރިހަމަ ސިއްޙަތެއް ލިބިގެން ނޫނީ ހުނަރު ކުރިއެރުމުށާއި ބޭނުންކުރުމަށް މަގުފައިވެގެން ނުދާނެއެވެ. އިންސާނުން ތަމްރީނާއި ތަޢުލީމު ބޭނުންވަނި މައިގަޑު ގޮތެއްގައި އަންނަނިވި ކަންކަން ހާސިލް ކުރުމަށްޓަކައެވެ.
- މުޖުމަޢުގެ ތަރައްޤީގައި ރައްޔިތުންގެ ހިއްސާ އިތުރު ކުރުން
- އިލްމާއި، ހުނަރާއި، ވިސްނުން ކުރިއެރުވުން
- ފުރިހަމަ ސިއްޙަތެއް ހާސިލް ކުރުން
- ކުރިއެރުމަށް ހުރި ފުރުސަތުތައް ދެނެގަތުން
- ކަންކަމުގައި އިސްވެ ހަރަކާތްގެރިވާނެ މީހުން އުފެއްދުން
- އިގްތިސާދީ އަދި އިޖްތިމާއީ ވަސީލައްތައް ބިނާކުރުން
މުސައްނިފް: އަބްދުއްރަހީމް މުޙައްމަދު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!