މި ސަރުކާރުން މެނިފެސްޓޯގައި ހުރި ކަންކަން ރަނުން ރަނަށް ފުއްދައިދެމުންދާނެ ކަމަށާއި ހަމަ އެގޮތަށް ރައްޔިތުގެ މަޖިލީހުގައި ވެސް އެޖެންޑާ 19 ގައި ހިމެނޭ ކަންކަން ކުރިއަށްދާނެކަމަށް ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ.

މެންބަރު ޢަބްދުﷲ ވަޙީދު މިހެން ވިދާޅުވީ، އެންޓި ކޮރަޕްޝަންގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަށް ބިރުދައްކާ، އިންޒާރުދީ، ފްރޭމްކޮށްފައިވާކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އޮގަސްޓް ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެއްތިރީސްވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޢަބްދުﷲ ވަޙީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކަށް ފުރުޞަތުދީގެން އެ މަސައްކަތުގައި ކުރިއަށްދާން ޖެހޭ ކަމަށާއި ނަމަވެސް ފެންނަމުން މިދަނީ އެޖެންޑާ ކުރެވޭ ކަންކަމަށް ހުރަސްއެޅުމުގެ ގޮތުން ކުއްލި މައްސަލަތައް ވައްދަމުން ދާ މަންޒަރުކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރަށް އައީ ވެސް އަދި މި މަޖިލީހަށް އައީ ވެސް؛ ސަރުކާރަށް އައީ މެނިފެސްޓީއާ އެކުގައި. މަޖިލީހަށް އައީ އެޖެންޑާ 19އާ އެކުގައި. އަޅުގަނޑުމެން ސަރުކާރުން މެނިފެސްޓޯގައި ހުރި ކަންކަން ރަނުން ރަނަށް ފުއްދައިދެމުންދާނެ. ހަމަ އެގޮތަށް މި މަޖިލީހުގައި ވެސް އެޖެންޑާ 19 ގައި ހިމެނޭ ކަންކަން ކުރިއަށްދާނެ"

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޢަބްދުﷲ ވަޙީދު ވިދާޅުވިއެވެ.

މެންބަރު ޢަބްދުالله ވަޙީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ ފޯކަސް ގެއްލިގެންނުދާނެ ގޮތަށް މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ދާން ޖެހޭނެ ކަމަށެވެ. އަދި ރޭވިފައި އޮތް ގޮތަށް ތަރުތީބުވެގެން އެ މަސައްކަތް ކުރާނެކަމަށާއި އެ ފަދަ ގަރާރުތަކާއި ކުއްލި މައްސަލަތައް ހުށަހަޅައިގެން މަސައްކަތް ހުއްޓިޔަ ނުދޭނެކަމަށެވެ.