ފްރެންޗް ލީގު ވަންގައި ހޯމަ ދުވަހު ކުޅުނު މެޗުން ލިއޯންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މި މޮޅާއެކު އެ ޓީމު ވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހޯދި އަށްވަނަ މޮޅު ހަމަކޮށްފައެވެ.
އަމިއްލަ ދަނޑުގައި ޕީއެސްޖީން ކުޅުނު މި މެޗަށް ދެ ޓީމު ނުކުތްއިރުވެސް އޮތީ 14 ޕޮއިންޓް ލިބިފައެވެ. ޕީއެސްޖީގެ އިތުބާރާއި ދަނޑުގެ ފައިދާގެ ކުރިމަތީގައި ލިއޯނުން މެޗުގައި ވަރުގަދަ ދިފާއެއް ކުރަމުން ދަނިކޮށް، އެ ޓީމުގެ ރޭވުންތައް ފޫއަޅުވާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ހަތް މިނެޓުގެ ތެރޭގައި ސެނީ މަޔުލޫ ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ 18 މީޓަރު ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މަޔުލޫގެ މި ލަނޑަށްފަހު، މެޗުގެ ނަތީޖާ ޔަގީންކޮށްދިނީ އޭގެ ބާރަ މިނެޓު ފަހުން މީކާ ގޮޑްޓްސް ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ހަލުވި ކައުންޓަ އެޓޭކެއްގެ ބޭނުން ހިފައިގެންނެވެ. މި މޮޅާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ރެންސްއަށް ވުރެ އެއް ޕޮއިންޓް ކުރީގައެވެ. އަދި ބަލިވި ލިއޯން އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
ޔޫރަޕްގެ އަނެއް މެޗަށް ބަލާއިރު، ސްޕެނިޝް ލަލީގާގައި ސެވިއްޔާއިން ވަނީ އޮސަސޫނާގެ މައްޗަށް 2-0 އިން ކުރިހޯދައި، މޮޅެއް ނުލިބި ދިޔަ ހަތަރު މެޗުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފައެވެ. ސެވިއްޔާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވަނީ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އެސްޓަން ވިލާ އަތުންނެވެ.
މި މެޗުގައި ސެވިއްޔާއަށް ލީޑު ނަގައިދިނީ މެޗުގެ 24 ވަނަ މިނެޓުގައި އައިޒަކް ރޮމޭރޯއެވެ. ޔޫސުފް ފޮފާނާ ފޯރުކޮށްދިން ބޯޅައަކުން އޭރިއާގެ އަރިމަތިން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ މި ލަނޑު ޖެހިއިރު، މިއީ ފާއިތުވި ތިން މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ. މީގެކުރިން އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި އެސްޓަން ވިލާ ކޮޅަށާއި، ރަތް ކާޑު ދެއްކުމުގެ ކުރިން ލެވަންޓޭ ކޮޅަށް ވެސް ލަނޑު ޖަހާފައެވެ.
ސެވިއްޔާގެ ދެވަނަ ލަނޑު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ފީލިކްސް ކޮރެއާއެވެ. މީގެ ދެ ހަފުތާ ކުރިން ލެވަންޓޭއާ 3-3 އިން އެއްވަރުވި މެޗުގައިވެސް ލަނޑު ޖެހި ކޮރެއާގެ މި ލަނޑާއެކު ސެވިއްޔާ ވަނީ ތާވަލުގެ ހަވަނައަށް ޖެހިލާފައެވެ. އަދި ބަލިވި އޮސަސޫނާ އޮތީ ސެވިއްޔާއަށް ވުރެ ހަ ޕޮއިންޓް ފަހަތުން ތާވަލުގެ 12 ވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!