ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ވަކިވަކި ކުޅުންތެރިންގެ އެވޯޑު ކަމަށްވާ ބެލޮންޑިއޯ، ބަޔާން މިއުނިކާއި އިންގްލެންޑުގެ ފޯވާޑް ހެރީ ކޭން ކާމިޔާބުކޮށްފިއެވެ.
މިއީ 2001 ވަނަ އަހަރު މައިކަލް އޮވެން މި އެވޯޑު ހޯދި ފަހުން، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އިނގިރޭސި ކުޅުންތެރިއަކު ބެލޮންޑިއޯ ހޯދި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން، އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު (ބެލޮންޑިއޯ ފެމިނިން) ސްޕެއިންގެ މިޑްފީލްޑަރު އެލެކްސިއާ ޕުޓެލަސް ވަނީ ތިންވަނަ ފަހަރަށް ހާސިލުކޮށްފައެވެ.
ހޯމަ ދުވަހު ލަންޑަންގައި ބޭއްވި މި ރަސްމިއްޔާތުގައި އެވޯޑާ ހަވާލުވުމަށްފަހު ވާހަކަދައްކަމުން އުމުރުން 33 އަހަރުގެ ކޭން ބުނީ މިއީ ވަރަށް ހާއްސަ ވަގުތެއް ކަމަށާއި ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށެވެ. އަދި މި ހަފުލާ ލަންޑަންގައި ބޭއްވުމަކީ އޭނާއަށް ލިބުނު ވަރަށް ރަނގަޅު ފާލެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މިއަހަރުގެ ބެލޮންޑިއޯ ކާމިޔާބުކުރި ކޭން، ފޮޓޯ: އޭއެފްޕީ
"އަހަންނަށް ވޯޓު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. މިއަހަރު މިއީ [ނިންމަން] ވަރަށް އުނދަގޫވި އަހަރަކަށް ވާނެކަން އަހަންނަށް އެނގޭ. މި ހޯލުގައި މިރޭ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން އެބަތިބި،" ކޭން ބުންޏެވެ. "މިރޭގެ ހުރިހާ އެވޯޑުތަކެއް ހޯދި އަދި ނޮމިނޭޓްވި ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔަން. މިއީ އަޒުމާއި ބުރަ މަސައްކަތުން ހަގީގަތުގައި ވެސް ކާމިޔާބީ ހާސިލުކުރެވޭނެ ކަން ދައްކުވައިދިން ކަމެއް."
ކޭން މި އެވޯޑު ހާސިލުކުރީ 2025-26 ވަނަ އަހަރުގެ ސީޒަނުގައި ދެއްކި ތާރީހީ މޮޅު ކުޅުމާ ގުޅިގެންނެވެ. ދިގު މުއްދަތަކަށް ތަށި ނުލިބި ހުރުމަށްފަހު، 2023 ވަނަ އަހަރު ބަޔާން މިއުނިކަށް ބަދަލުވި ކޭން ވަނީ އެ ސީޒަނުގައި އެ ޓީމަށް ކުޅުނު 51 މެޗުން 61 ލަނޑު ޖަހައިދީފައެވެ. އަދި ޖަރުމަނު ލީގާއި ކަޕް ކާމިޔާބުކޮށް ބަޔާނުން ޑަބަލް ހޯދިއިރު، ކޭން ވެގެންދިޔައީ ޔޫރަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.
މިއަހަރުގެ ބެލޮންޑިއޯ ކާމިޔާބުކުރި ޕުޓެލަސް، ފޮޓޯ: އޭއެފްޕީ
ކްލަބުގެ އިތުރުން ގައުމީ ޓީމުގައި ވެސް ކޭން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އެގޮތުން ވޯލްޑް ކަޕްގައި 6 ލަނޑު ޖަހައި، އިންގްލެންޑް ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އޭނާ މޮޅު ކުޅުމަކާއި ލީޑަޝިޕެއް ދެއްކިއެވެ. އެ ސީޒަނުގައި ކްލަބަށާއި ގައުމީ ޓީމަށް އޭނާ ވަނީ ޖުމްލަ 73 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއާއެކު ކޭން މިހާރު ވެފައިވަނީ އިންގްލެންޑުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން، ވޯލްޑް ކަޕްގައި އެ ގައުމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.
Thank you Alexia & Harry! A very first night to remember in London for the Ballon d'Or ceremony! We'll see you soon...
#ballondo https://t.co/JAFjTRrMu0
— Ballon d'Or (@ballondor) October 27, 2026
މިއަހަރުގެ އެވޯޑުގެ ވާދަވެރިކަން ވަރަށް ބޮޑުވިއެވެ. ވޯލްޑް ކަޕްގެ ލަނޑު ޖެހުމުގެ ރެކޯޑުތައް މުގުރާލި ކީލިއަން އެމްބާޕޭ އާއި، ސްޕެއިނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވި ލަމީން ޔަމާލް ފަދަ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހު ކޭން މި އެވޯޑު ހޯދީ މުޅި ސީޒަނުގައި ދެއްކި އެއްވަރެއްގެ ކުޅުމުގެ ސަބަބުންނެވެ. މިއީ ޒުވާން އިރު ޓޮޓެންހަމް ހޮޓްސްޕާގައި ފުރުސަތު ހޯދަން ދަތިވެ، ތަފާތު އެކި ކްލަބުތަކަށް ލޯނު އުސޫލުން ކުޅެން ޖެހުނު ކުޅުންތެރިއަކު ހޯދި ބޮޑު ކާމިޔާބީއެކެވެ.
އަންހެނުންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިންވަނަ ފަހަރަށް ހޯދި އެލެކްސިއާ ޕުޓެލަސް މި އެވޯޑު ހާސިލުކުރީ 2025-26 ވަނަ އަހަރުގެ ސީޒަނުގައި ބާސެލޯނާއާއެކު ޓްރެބަލް ހޯދުމުގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބުކޮށްގެންނެވެ. ބާސެލޯނާގައި 14 އަހަރު ހޭދަކުރުމަށްފަހު، ޕުޓެލަސް ވަނީ މިއަހަރުގެ ޖުލައި މަހު އިންގްލެންޑުގެ ވިމެންސް ސުޕަ ލީގުގެ ކްލަބެއް ކަމަށްވާ ލަންޑަން ސިޓީ ލަޔަނެސަސް އަށް ބަދަލުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!