ހއ. ފިއްލަދޫ އަތިރިމަތީގައި ނަންބަރު ޖަހާފައި ހުރި ރުއްތައް ވަރުވާއަށް ނަގައި، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް ކަމަށްވާ "ހޮލިޑޭ މޯލްޑިވްސް ފިއްލަދޫ"އާ އެ ރަށު ކައުންސިލުން ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން އެ ސަރަޙައްދުގައި ހުރި ޖުމްލަ 96 ރުއް ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން ކޮންމެ ރުކަކަށް މަހަކު ފަސް ރުފިޔާގެ ރޭޓުން ވަރުވާ ދައްކަންޖެހޭނެ ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު "ތިލަދުން"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރުއްތައް ވަރުވާއަށް ދޫކޮށްލި މައިގަނޑު މަޤްޞަދަކީ ބޮޑު ރުއްގަނޑެއް އޮންނަ އެ އަތިރިމަތީ ސަރަޙައްދުގެ ރުއްތައް ސާފުކޮށް ރަނގަޅަށް ބެލެހެއްޓުމާއެކު، އެ ތަނުން ކައުންސިލަށް ވެސް އާމްދަނީއެއް ހޯދުމެވެ.
އަތިރިމަތީގެ ބޮޑު ރުއްގަނޑު ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމަކީ މުހިންމު ކަމަކަށް ވާއިރު، މި ނިންމުމުގެ ސަބަބުން އެ ސަރަޙައްދު އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓި، ރަށުގެ ވެއްޓަށް ވެސް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް ކައުންސިލުން ދެކެއެވެ.
މީގެ އިތުރުން، އެ ސަރަޙައްދަކީ މިހާރުވެސް ވަރަށް ފުޅާ ދާއިރާއެއްގައި ރުކުރާ އެރުމުގެ މަސައްކަތް ކޮށް، އޭގެން ބޮޑެތި މަންފާތަކެއް ހޯދަމުން އަންނަ ތަނެއްކަން ފާހަގަކުރެވޭ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
މި އެއްބަސްވުމުގެ ދަށުން 96 ރުކުން ކޮންމެ މަހަކު ލިބޭ ވަރުވާއާއެކު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފިއްލަދޫ ކައުންސިލަށް އިތުރު އާމްދަނީއެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!