ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އުމުރުން ދުވަސްވީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ، އަޙްމަދު ނަޞީރު (62އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައެވެ.

Ad
rt

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އޭނާ ރާއްޖެ އައި ވަގުތުގައެވެ. އޭނާ ހައްޔަރުކުރީ ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެންނެވެ.

ކަސްޓަމްސްގެ މައުލޫމާތާ ގުޅިގެން އޭނާ ހުއްޓުވައި، ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 19 ބުލެޓް ވަނީ ފެނިފައެވެ.

އޭނާގެ ހަށިގަނޑުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ މި ތަކެތީގެ ވަގުތީ ބަރުދަނުގައި 427 ގުރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަޙްމަދު ނަޞީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.