ސްޕެނިޝް ލީގުގެ ވާދަވެރި އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ އަތުން ރެއާލް މެޑްރިޑް ހޯދި މޮޅަކީ މުޅި ޓީމުގެ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށާއި، މި މޮޅުން ލީގުގެ ރޭހަށް އެނބުރި އާދެވުނު ނަމަވެސް ސީޒަން އަދި ނުނިމޭ ކަމަށް އެ ޓީމުގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފިއެވެ.

އާދީއްތަ ދުވަހު ކުޅުނު މި މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ރެއާލް މެޑްރިޑަށް ދެ ލަނޑުވެސް ޖަހައިދިނީ އެމްބާޕޭއެވެ. މެޗުގެ 87 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރި މޮޅުވި ލަނޑަކީ އެ ކްލަބަށް ކުޅެދިން 116 މެޗުން އޭނާ ހަމަކުރި 100 ވަނަ ލަނޑެވެ. މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަކުރެވިފައެވެ. އަދި ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެ އެއް ޕޮއިންޓް ފަހަތުގައި ރެއާލް އޮތްއިރު، ބައިނަލްއަގުވާމީ މެދުކެނޑުމަށްފަހު އެ ޓީމު ވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ފަސް މެޗުން މޮޅުވެފައެވެ.

މެޗަށްފަހު ރެއާލް މެޑްރިޑް ޓީވީއަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ، މެޗުން މޮޅުވެ ލީގު ހޯދުމުގެ ރޭހުގައި ދެމިއޮތުމަކީ ޓީމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. "އެކަމަކު އަހަރެމެން ކުރިއަށްދާން ޖެހޭ. މިއީ ވަރަށް ބޮޑު މެޗެއްކަން އެނގޭ، ނަމަވެސް މިއީ ތިން ޕޮއިންޓް. އަދި ލީގު ކާމިޔާބުކުރުމަށް އަހަރެމެންނަށް އަދި ވަރަށް ގިނަ ޕޮއިންޓް ބޭނުންވޭ،" އޭނާ ބުންޏެވެ. އަދި މިއަދު މި ދެއްކުނީ ރަނގަޅު މެސެޖެއް ކަމަށާއި، އެކަމަކު އެއްވެސް ކަމެއް އަދި ނިމިފައި ނުވާތީ ސީޒަން ނިމުނީ ކަމަށް ދެކެގެން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މިއީ ޓީމެއްގެ ގޮތުގައި ހޯދި މޮޅެއްކަން ފާހަގަކުރަމުން އެމްބާޕޭ ބުނީ، އޭގެ ހައްގު ލިބެނީ މުޅި ޓީމަށާއި ގްރޫޕަށް ކަމަށެވެ. ފިރިހެނުންތަކެއްގެ ގޮތުގައި އަދި އެއް ޓީމެއްގެ ގޮތުގައި ކުޅެން ޖެހޭނެކަން އެނގިގެން ތިބި ކަމަށާއި، ވޭތުވެދިޔަ މެޗުތަކުން މޮޅުވެ ރަނގަޅު ކުޅުމެއް ދެއްކިފައިވާތީ މި މެޗަށް ރަނގަޅަށް ތައްޔާރުވެވުނު ކަމަށް އޭނާ ބުންޏެވެ. "އަހަރެމެން މި މެޗަށް އައީ ރަނގަޅު ވިސްނުމަކާއެކު. އަދި މިއަދު އަހަރެމެންގެ އަތުގައި ހުރި ހުރިހާ އެއްޗެއް ދައްކައިފިން،" އޭނާ ބުންޏެވެ.

މި މެޗުން ބާސެލޯނާ މޮޅުވި ނަމަ، ރެއާލް މެޑްރިޑާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އުފެދޭނެއެވެ. އަދި ލީގުގެ ފުރަތަމަ 10 މެޗުން މޮޅުވި ފުރަތަމަ ޓީމުގެ ޝަރަފުވެސް އެ ޓީމަށް ލިބުނީހެވެ. ބާސެލޯނާ މި މެޗާ ކުރިމަތިލީ 1968-1969 ގެ ސީޒަނުގައި ރެއާލް މެޑްރިޑުން ފުރަތަމަ ނުވަ މެޗުން މޮޅުވެ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްގެންނެވެ. ނަމަވެސް އެމްބާޕޭ ޖެހި ފަހު ލަނޑާއެކު ބާސެލޯނާގެ އެ ސިލްސިލާއަށް ވަނީ ނިމުމެއް އައިސްފައެވެ.

މި ސީޒަނުގައި އެއްވެސް ކާމިޔާބީއެއް ހޯދަން ބޭނުންނަމަ އެކަން ކުރަން ޖެހޭނީ އެއް ގްރޫޕެއް އަދި އެއް ޓީމެއްގެ ގޮތުގައި ކަމަށް އެމްބާޕޭ ބުންޏެވެ. އޭނާ ބުނީ ޓީމުގައި ފެންވަރު އެބަހުރި ކަމަށާއި، މި ޓީމުގެ ކުޅުންތެރިންނަށް ބަލާފައި ފެންވަރެއް ނެތޭ ބުނާ ކޮންމެ މީހަކީ ދޮގުވެރިއެއް ކަމަށެވެ. އެހެންނަމަވެސް ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްވާނީ އެންމެން އެކުގައި ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާގެ 100 ވަނަ ލަނޑާ ގުޅޭގޮތުން އެމްބާޕޭ ބުނީ، އޭނާއަކީ ލަނޑު ޖަހައިގެން ޓީމަށް އެހީތެރިވާން ލޯބިކުރާ ކުޅުންތެރިއެއްކަން އެންމެންނަށްވެސް އެނގޭނެ ކަމަށެވެ. އެކަމަކު މިއަދުގެ މެޗުގައި އެއީ ހަމައެކަނި ތަފުސީލެއް ކަމަށާއި، މި މޮޅުން ޓީމަށް ބޮޑު އިތުބާރެއް ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު އެތައް ލަނޑެއް ޖެހޭނެތީ، 100 ވަނަ ލަނޑު ހަމަވުމަކީ މި ވަގުތު މާ މުހިންމު ކަމެއް ނޫން ކަމަށްވެސް އޭނާ އިތުރުކުރިއެވެ.