ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކެއްގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށާއި، ނޮޅިވަރަންފަރުގެ ބޮޑު ސަރަހައްދަކުން ފެން ހިނދި ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން އާންމުކުރި ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ނޮޅިވަރަމަށް ވާރޭ ވެހުން މިހާރު ވަނީ ހުއްޓާލާފައެވެ. ނަމަވެސް ވާރޭ ހުއްޓުނު ނަމަވެސް، އެ ރަށުގެ ގިނަ އަދަދެއްގެ ގެތަކުގައި އަދިވެސް އޮތީ ފެންބޮޑުވެފައެވެ.
އެ ރަށުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ. އެގޮތުން ދެ ޕަންޕު ބޭނުންކޮށްގެންނާއި ހަ ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މީގެއިތުރުން ނޮޅިވަރަންފަރުގެ ހާލަތާ ގުޅޭގޮތުން އެންޑީއެމްއޭ އިން ބުނީ، އެ ރަށަށް ވެސް ވާރޭ ވެހުން ހުއްޓާލުމާ ގުޅިގެން ރަށުގެ ބޮޑު ސަރަހައްދަކުން މިހާރު ފެން ހިނދިފައިވާ ކަމަށެވެ.
ފެން ހިނދުމާ ގުޅިގެން ނޮޅިވަރަންފަރުގައި މިހާރު ކުރިއަށްދަނީ ފެނުގެ އަސަރުކުރި ގެތައް ސާފުކުރުމުގެ މަސައްކަތެވެ. އަދި މި ވިއްސާރައިގައި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.
ކުޅުދުއްފުށީ ސިޓީގެ ހާލަތަށް ބަލާއިރު، އެ ރަށުގައި ފެން ހިންދުމުގެ މަސައްކަތް މިވަގުތަށް ވަނީ މެދުކަނޑާލާފައެވެ. އެ ރަށުގެ ހާލަތު މިވަގުތު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
އެންޑީއެމްއޭ އިން ބުނި ގޮތުގައި، ކުޅުދުއްފުށިން އެއްވެސް މީހަކު ވަގުތީ ހިޔާއަކަށް ބަދަލުވާން ޖެހިފައެއް ނުވެއެވެ. ނަމަވެސް ވިއްސާރައިގެ އަސަރުކޮށްގެން ދެ ގެއެއްގެ މީހުން ގެސްޓްހައުސްތަކަށް ބަދަލުވެފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ރޭ 22:00 ހާއިރު، އެ ސިޓީއަށް ކުރަމުންދިޔަ ވިއްސާރައާއި ގުޅިގެން ޤާއިމްކުރި ހޮޓްލައިންގެ ޚިދުމަތް (އީ.އޯ.ސީ) މިވަގުތަށް މެދުކަނޑާލައި، ގަދަ ވިއްސާރައާއި ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!