ހދ. ކުޅުދުއްފުށީ ސިޓީގެ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗަކަށް ދިޔަވެ އަޑިއަށް ދިޔަނުދީ ސިފައިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ވަނީ އެ އުޅަނދަށް އަވަސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް މި ލޯންޗު ދިޔަވާން ފެށިކަމުގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 05:35 ހާއިރެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ ލަސްނުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ. އަދި ލޯންޗު އަޑިއަށް ދިޔަނުދީ ހިފެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އެޅިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ލޯންޗު ދިޔަވާން މެދުވެރިވީ ބޯކޮށް ވާރޭވެހި ލޯންޗަށް ފެންއެޅި، އޭގެ ސަބަބުން ލޯންޗުގެ ސައިލެންސަރަށް ފެން ވަނުމާ ގުޅިގެންނެވެ.
ލޯންޗަށް ދިޔަވުން ހުއްޓުވުމަށް ފަޔަރމަނުން ކުރި މަސައްކަތުން، އެ އުޅަނދަށް ދިޔަވުން ކޮންޓްރޯލް ކުރެވިފައިވަނީ ހެނދުނު 07:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ފަޔަރމަނުން ކުރި މަސައްކަތުން ލޯންޗު އިތުރަށް އަޑިއަށް ދިޔަނުދީ ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
މި ހާދިސާ ހިނގި ވަގުތު އެއްވެސް މީހަކަށް އެއްވެސް ކަހަލަ އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބުރާސްފަތި ދުވަހުގެ ރޭން ފެށިގެން ކުޅުދުއްފުށީ ސިޓީ އަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގެތަކަށް ފެން ވަނުމުގެ ހާދިސާ ވަނީ ހިނގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!