ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ހެބްރޮން (އަލްޚަލީލް) ސިޓީގައި ހުންނަ މުހިންމު ބިނާއެއް ކަމަށްވާ މަސްޖިދުލް އިބްރާހީމީ (އިބްރާހީމީ މިސްކިތް) މުޅިން އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިއުމަށްޓަކައި އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށާއި، ވޭތުވެދިޔަ 10 ދުވަހު އެ މިސްކިތުގައި ބަންގި ގޮވުން ވެސް މަނާކޮށްފައިވާ ކަމަށް ފަލަސްތީނުގެ ހެބްރޮންގެ ގަވަރުނަރު ޚާލިދު ދޫދީން އިންޒާރު ދެއްވައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދޫދީން ވިދާޅުވީ، އިސްރާއީލުން ހެބްރޮން ވަށައިގެން ދަގަނޑު 106 ގޭޓު ބަހައްޓައި އެ ސިޓީ ބަންދުކޮށްފައިވާ ކަމަށެވެ. އަދި ވެލިފުނިތައް ޖަހައިގެން ހެބްރޮން ގަވަރުނަރޭޓަށް ވަދެވެން ހުރި 16 މަގެއް ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އިބްރާހީމީ މިސްކިތުގެ ފުރާޅުމަތީގައި ޖެހިޖެހިގެން ދެވަނަ ދުވަހަށް އިސްރާއީލުން ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އޭނާ ކުށްވެރިކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ މިސްކިތުގެ މައްޗަށް ވެރިވެގަތުމަށް މަގުފަހިވާނޭ އާ ހަގީގަތްތަކެއް ބާރުގެ ބޭނުންކޮށްގެން ގާއިމުކުރުމަށް ރާވާފައިވާ ރޭވުމެކެވެ.
ދޫދީން ތުހުމަތުކުރެއްވި ގޮތުގައި އިސްރާއީލުން މަސައްކަތް ކުރަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅައިގެން މިސްކިތުގެ މައްޗަށް ފުރިހަމަ ބާރު ހިންގުމަށެވެ. އެގޮތުން މިސްކިތުގެ ކަރަންޓު ބޯޑުތަކާއި ފެނުގެ ޚިދުމަތްދޭ ނިޒާމުތައް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. އަދި ފަހަކަށް އައިސް އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ މިސްކިތް ބެލެހެއްޓުމާއި މަރާމާތުކުރުމާ ގުޅޭ ގޮތުން ހެބްރޮން މުނިސިޕަލްޓީއަށް ލިބިދީފައިވާ ބާރުތައް އަތުލައި، އެ ބާރުތައް ކައިރީގައި އޮންނަ "ކިރްޔާތު އަރްބާ" ޔަހޫދީ އާބާދީއަށް ބަދަލުކޮށްފައެވެ. ފަލަސްތީނުގެ އިދާރާތަކުން ވަނީ މި ނިންމުން ބަލައިނުގަނެ ބޭރުކޮށްލާފައެވެ. އެ އިދާރާތަކުން ބުނީ މިއީ މިސްކިތުގެ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތަށް އަމާޒުކޮށްގެން ހިންގި ޖަރީމާއެއް ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ މިސްކިތުގެ އެތެރޭގައާއި މިސްކިތުގެ ގޯތިތެރޭގައި ފަލަސްތީނު މީހުންގެ ހާޒިރީ އިތުރުކުރުމަށްޓަކައި އެ ސަރަހައްދުގެ މުއައްސަސާތަކާ ގުޅިގެން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އިސްރާއީލުގެ މި ފިޔަވަޅުތައް ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ފިއްތުންތައް ކުރިމަތިކުރުވަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިސްރާއީލުގެ ބާރުގެ ދަށުގައިވާ ހެބްރޮންގެ އޯލްޑް ސިޓީގައި ހުންނަ މި މިސްކިތް ހިމެނޭ ސަރަހައްދުގައި އިސްރާއީލުގެ 1،500 އެއްހާ ސިފައިންގެ ހިމާޔަތުގައި، ގަވާއިދާ ޚިލާފަށް ވަޒަންވެރިވެފައިވާ ގާތްގަނޑަކަށް 400 ޔަހޫދީން ދިރިއުޅެމުންދެއެވެ.
އިބްރާހީމީ މިސްކިތުގެ ތާރީޚަށް ބަލާއިރު، 1994 ވަނަ އަހަރު ޔަހޫދީ ވަޒަންވެރިއަކު މިސްކިތަށް ވަދެ އަޅުކަމުގައި ތިބި ފަލަސްތީނުގެ 29 މީހުން ޝަހީދުކޮށްލި ލާއިންސާނީ ޖަރީމާއަށް ފަހު، އިސްރާއީލުން ވަނީ މި މިސްކިތް ދެބަޔަކަށް ބަހާލައިފައެވެ. އެގޮތުން މިސްކިތުގެ 63 އިންސައްތަ ޔަހޫދީންނަށް ދީފައިވާއިރު، މުސްލިމުންނަށް ޚާއްސަކުރީ އެންމެ 37 އިންސައްތައެވެ. މީގެކުރިން ފިތުރު އީދާއި އަޟްހާ އީދު ފަދަ ޚާއްސަ ދީނީ މުނާސަބަތުތަކުގައި މުޅި މިސްކިތް މުސްލިމުންނަށް ހުޅުވާލި ނަމަވެސް، ފަހަކަށް އައިސް އެ ފުރުސަތު ވެސް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.
ދޫދީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިބްރާހީމީ މިސްކިތަށް ދެމުންދާ ހަމަލާތަކަކީ ހުޅަނގު އައްދާނުގައި ފަލަސްތީނުގެ ރައްޔިތުންނަށާއި އެމީހުންގެ މުދަލަށް އަމާޒުކޮށް އިސްރާއީލުން ހިންގާ ފުޅާ އުދުވާނުގެ ބައެކެވެ. މީގެ ތެރޭގައި މީހުން މެރުމާއި، ހައްޔަރުކުރުމާއި، ގަދަކަމުން ބޭރުކުރުމާއި، ގެދޮރު ތަޅާލުމާއި، ބިންތައް ޑޯޒަރު އަޅައި ސުންނާފަތިކުރުމުގެ އިތުރުން ޣައިރުގާނޫނީ އާބާދީތައް ފުޅާކުރުން ހިމެނެއެވެ. އެގޮތުން ހެބްރޮން ގަވަރުނަރޭޓުގައި އެކަނިވެސް އަލަށް 20 އަށް ވުރެ ގިނަ އައުޓްޕޯސްޓް ގާއިމުކޮށްފައިވާއިރު، އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނު މީހުންނަށް ދިން 763 ހަމަލާއެއް ރަސްމީކޮށް ލިޔެކިޔުމުން ވަނީ ރެކޯޑުކުރެވިފައެވެ.
ފަލަސްތީނުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 8 އިން ފެށިގެން ހުޅަނގު އައްދާނުގައި އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 1،173 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 12،666 މީހުން ޒަޚަމްވެފައިވާއިރު، ގާތްގަނޑަކަށް 23،000 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެއިތުރުން އިސްރާއީލުގެ އުދުވާންތަކާ ގުޅިގެން 33،000 މީހުން ވަނީ ގެދޮރު ދޫކޮށް ރެފިއުޖީންނަށް ވާން މަޖުބޫރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!