ބާސެލޯނާއާއި ރެއާލް މެޑްރިޑް ކުރިމަތިލާ ފޯރިގަދަ އެލް ކްލެސިކޯ މެޗު މި އަންނަ އާދީއްތަ ދުވަހު ކުޅުމަށް ތައްޔާރުވަމުން އަންނައިރު، މި މެޗު ޓީވީން ކަވަރުކުރުމަށް 40 ކެމެރާ ބޭނުންކުރުމަށް ވަނީ ނިންމައިފައެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޭ ބެލަންޑިއޯ އެވޯޑު އިއުލާނުކުރުމުގެ އެއް ދުވަސް ކުރިން ކުޅޭ މި މެޗުގައި، މުޅި ދުނިޔޭގެ ލޯތައް މައިގަނޑު ގޮތެއްގައި ހުއްޓޭނީ ވާދަވެރި ދެ ޓީމުގެ ދެ ތަރިން ކަމަށްވާ ލަމީން ޔަމާލާއި ކީލިއަން އެމްބާޕޭގެ ކުޅުމަށެވެ.

Ad
rt

ސްޕެއިންގެ ނޫހެއް ކަމަށްވާ "މުންޑޯ ޑެޕޯޓިވޯ" އިން އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޭމްޕް ނޯ ސްޓޭޑިއަމްގައި މި ކެމެރާތައް ހަރުކުރަނީ އަލްޓްރާ ހައި-ޑެފިނިޝަން ފިލްމުކުރުމާއި، ސްލޯ މޯޝަން ރީޕްލޭ އަދި ވަކިވަކި ކުޅުންތެރިން ޓްރެކްކުރުމުގެ ހާއްސަ އުކުޅުތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓީވީ ޕްރޮޑަކްޝަން ޕްލޭނެއްގެ ދަށުންނެވެ. މި ޕްލޭނުގެ ތެރެއިން ޔަމާލާއި އެމްބާޕޭގެ ހަރަކާތްތައް ވަކިން ހާއްސަކޮށް ދައްކައިދިނުމަށް ކެމެރާތައް ހާއްސަކުރެވޭނެއެވެ.

ސްޕެއިންގެ ލަލީގާގައި ކްލަބުތަކުގެ މެޗުތައް ކެޓަގަރައިޒްކުރާއިރު، ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑް ކުޅޭ މެޗުތައް ގިންތިކުރަނީ "ކެޓަގަރީ އޭ" ގައެވެ. މިފަދަ މެޗުތައް ކަވަރުކުރުމަށް މަދުވެގެން 22 ކެމެރާ ބޭނުންވެއެވެ. ނަމަވެސް އެލް ކްލެސިކޯ އަދި މެޑްރިޑް ޑާބީ ފަދަ ބޮޑެތި ކުރިމަތިލުންތަކަކީ "އޭ ޕްލަސް" ރޭޓިން ދީފައިވާ މެޗުތަކަށް ވާތީ، މި މެޗުތައް ކަވަރުކުރުމަށް 35 އާއި 40 އާ ދެމެދުގެ އަދަދަކަށް ކެމެރާ ބޭނުންކުރަން ޖެހެއެވެ. މި ކެމެރާތައް ބަހައްޓާނެ ތަންތަނާއި އެންގަލްތަކުގެ ތަފުސީލުތައް ރެފްރީންގެ ޓެކްނިކަލް ކޮމިޓީއަށާއި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ޓީމަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މި މެޗުގެ ކަވަރޭޖް ފުޅާކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ، މިދިޔަ އާދީއްތަ ދުވަހު ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހާދިސާއެކެވެ. އެ މެޗުގެ 24 ވަނަ މިނެޓުގައި ބޯޅަ ނެތް ދަނޑިވަޅެއްގައި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އާރްދާ ގުލާ އަދި ސެވިއްޔާގެ ޕެކޭ ފެނާންޑޭޒްއާ ދެމެދު ހިނގި ކުރިމަތިލުން، މެޗުގައި ބޭނުންކުރި 26 ކެމެރާއިންވެސް ސާފުވާ ގޮތެއް ނުވިއެވެ. މިކަމާ ގުޅިގެން ޓީވީ ކަވަރޭޖުން މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ އެންގަލްތައް ލިބޭތޯ ބަހުސް އުފެދުނެވެ. ނަމަވެސް މާ ގިނަ ކެމެރާ ބޭނުންކުރި ނަމަވެސް ހުރިހާ ކަމެއް ސާފުކޮށް ފެންނާނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށާއި، އެކަން ބިނާވަނީ ކެމެރާ ހުންނަ ތަނަށާއި ލެންސް އަމާޒުކުރެވިފައިވާ ދިމާއަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

އަންނަ އާދީއްތަ ދުވަހުގެ މެޗުގައި ބޭނުންކުރާ ސާމާނުތަކުގެ ތެރޭގައި ދުރު ރާސްތާއަށް އަދި ސިނެމެޓިކް މަންޒަރުތައް ނެގޭ ލެންސްތަކާއި، އާދައިގެ "ފުލް އެޗްޑީ" ގެ ބަދަލުގައި "4ކޭ" ރިޒޮލިއުޝަންގެ މަންޒަރުތައް ހިމެނެއެވެ. މީގެ ސަބަބުން މެޗުގެ ޑައިރެކްޓަރަށް ގިނަ އެންގަލްތަކަކުން މަންޒަރުތައް އިހުތިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ހާއްސަކޮށް ލަނޑުތަކާއި، ނުރައްކާތެރި ހަމަލާތަކާއި، ޕެނަލްޓީ އޭރިއާ ތެރޭގައި ހިނގާ ކުރިމަތިލުންތައް ވަރަށް ސާފުކޮށް ސްލޯ މޯޝަންގައި ދެއްކުމުގެ ފުރުސަތު ފަހިވެގެންދާއިރު، ދެ ގޯލުގެ ފަހަތުގައިވެސް ކެމެރާ ހަރުކުރެވޭނެއެވެ.

އެލް ކްލެސިކޯ މެޗުތަކުގައި ކެމެރާގެ މިފަދަ އާ އީޖާދުތައް ބޭނުންކުރުމަކީ މުޅިން އާ ކަމެއް ނޫނެވެ. މީގެ ކުރިން 2017 ވަނަ އަހަރު ކުޅުނު އެލް ކްލެސިކޯ މެޗުގައިވެސް ލަލީގާއިން ވަނީ ކްރޭނާއި ހެލިކޮޕްޓަރު މެދުވެރިކޮށް 40 ކެމެރާ ބޭނުންކޮށް، ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ޓްރެކްކުރުމަށް ހާއްސަ ސްލޯ މޯޝަން ކެމެރާތައް ބޭނުންކޮށްފައެވެ. އެ މެޗުގައި ފޮޓޯގްރަފީއާއި ޑައިރެކްޓިން އަދި ޓީވީ ޕްރޮޑަކްޝަންގެ 400 އަށް ވުރެ ގިނަ މާހިރުން ބައިވެރިވިއެވެ. އަދި 2016 ވަނަ އަހަރުގެ އެލް ކްލެސިކޯގައި ސްޓޭޑިއަމް ވަށައިގެން ހަރުކުރި ކެމެރާތަކަކުން 360 ޑިގްރީ ރީޕްލޭ ދައްކައިދިންއިރު، ފަހުން އެ ޓެކްނޮލޮޖީ ވަނީ 38 ކެމެރާ މެދުވެރިކޮށް ވާޗުއަލް އެންގަލްތައް ދެއްކޭ ގޮތަށް ތަރައްގީކޮށްފައެވެ.