ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑު ތިލަދުންމަތީގެ އަތޮޅުތަކުގެ އެކި ރަށްރަށުގައި ފެންބޮޑުވެ، ގިނަ ގެތަކަކަށާއި ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަން ޖެހިފައިވާއިރު، ފެން ހިންދުމަށްޓަކައި ޕަންޕުތައް ބޭނުންކޮށްގެންނާއި މޫދަށް ކޯރު ކަނޑައިގެން ސަލާމަތީ ބާރުތަކާއި ކައުންސިލްތަކާއި، ރައްޔިތުން ގުޅިގެން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ވިއްސާރައިގެ އަދާހަމަ ދެމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވުމާ ގުޅިގެން ހަތް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފެން ވަދެ ގެއްލުންވި 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ވަގުތީގޮތުން އެ ސިޓީގެ ދެ ސްކޫލަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ހަމައެއާއެކު، ހދ. ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، އެ ރަށުގެ މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު، ފުލުހުންގެ ބޮޑު އެހީތެރިކަމަކާއެކު އެއް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދެއެވެ.
ހދ. ފިނޭގައި ފެން ބޮޑުވެފައި، ފޮޓޯ: ހދ. ޕޮލިސް
ނޮޅިވަރަންފަރުގެ ހާލަތު ގޯސްވި ގެތަކުގެ މީހުން ވެސް އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، އެ ރަށުގައި ދެ ޕަންޕު ބޭނުންކޮށްގެން ފެން ދަނީ ހިންދަމުންނެވެ. މީގެއިތުރުން ވައިކަރަދޫގައި ފެންބޮޑުވެގެން ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވީ ނަމަވެސް، އެ ރަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ހދ. ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވީ ނަމަވެސް، މީހުން އެހެން ތަންތަނަށް ބަދަލުކުރަންޖެހޭ ހާލަތަކަށް ގޮސްފައެއް ނުވެއެވެ. ކުމުންދޫގެ ތިން ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ހަލާކުވި ނަމަވެސް، އަވިދިނުމާ ގުޅިގެން އެ ރަށުގެ ހާލަތު މިހާރު ވަނީ ރަނގަޅުވެފައެވެ. ނައިވަދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ފިނޭގައި ޕަންޕު ބޭނުންކޮށްގެން ވަނީ ފެން ހިންދާފައެވެ. ކުރިންބީގެ ދެ ސަރަހައްދެއްގައި ފެންބޮޑުވި ނަމަވެސް، ނައިވަދޫ، ފިނޭ އަދި ކުރިންބީގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހަނިމާދޫ އަދި މަކުނުދޫގެ ހާލަތު ވެސް އާންމު ގޮތެއްގައި ރަނގަޅެވެ.
ތަކަންދޫ ގެއަކަށް ފެން ވަދެފައި، ފޮޓޯ: ކައުންސިލް
ހއ. އަތޮޅަށް ބަލާއިރު، ފިއްލަދޫ، ކެލާ އަދި މާރަންދޫގެ ބޮޑުވި ފެންގަނޑު ވަނީ މޫދަށް ކޯރު ކަނޑައިގެން ހިންދާފައެވެ. ކެލާ އަދި މާރަންދޫގެ އެއް ގެއަށް ފެންވަދެފައިވީ ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ދިއްދޫ އަދި އިހަވަންދޫގެ ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވާއިރު، ދިއްދޫގެ އެއް ގެއަށް ފެން ވަދެގެން ވަނީ ރިޕޯޓްކޮށްފައެވެ. މީގެއިތުރުން ތަކަންދޫގައި ފެން ހިންދުމަށްޓަކައި ކާނު ކޮނުމުގެ މަސައްކަތްކުރަމުންދާއިރު، ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ށ. ގޮއިދޫން ފެން ހިންދުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: ކައުންސިލް
ހއ. އަތޮޅުގެ ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެންހެދިފައި ވީނަމަވެސް، އެއިން އެއްވެސް ރަށެއްގެ ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މީގެއިތުރުން ށ. އަތޮޅުގެ ގޮއިދޫ އަދި މަރޮށި ފަދަ ރަށްރަށުގައި ވެސް ފެންބޮޑުވެ، ބޯވިއްސާރައިގައި ރަށުގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުގެ މީހުން ދިރިއުޅޭ ބައެއް ގޯތިތެރެއަށާއި މަގުތަކުގައި ހެދިފައިވާ ފެންގަނޑުތައް ހިއްކުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!