ހއ. ތަކަންދޫގައި އަންހެނުންނަށް ޚާއްޞަކޮށްގެން އެރަށުގައި ބޭއްވި ވޮލީ ކޯޗިން ކޭމްޕް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އިން އިސްނަގައިގެން، ތަކަންދޫ ކައުންސިލް އާ ތަކަންދޫ ޕޮލިސް އާ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
މި ކޯޗިން ކޭމްޕް ނިންމާލައި، ކޯޗިން ކޭމްޕް ފުރިހަމަކުރި ބައިވެރިންނަށް ބުދަ ދުވަހު ވަނީ ސެޓްފިކެޓް ދީފައެވެ.
މި ވޮލީ ކޯޗިން ކޭމްޕްގައި ވޮލީގެ ހުނަރުތަކާއި ކޯޗިންގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ބައިވެރިން އަމަލީ ތަޖުރިބާ ހޯދުމަށް ބައެއް ރަށްތަކާއެކު ވޮލީ މެޗުތައް ވެސް ކުޅެފަވެއެވެ.
ތަކަންދޫ ކައުންސިލްގެ ރައީސް ޢަބްދުއްރައްޒާޤް ކުރިން ''ތިލަދުން''އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ފަދަ ކޭމްޕެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރި މަޖާ މާޙައުލެއް އުފެއްދުމަށް ކަމަށެވެ. އަދި ރަށުގެ އަންހެންވެރިންގެ އެއްބާރުލުމާއެކު، އެ ރަށުގައި ވޮލީޓީމެއް މިހާރު އުފައްދާފައިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިފަދަ ކޮންމެ ކަމަކަށް ވެސް ދިމާވާ އެންމެ ބޮޑު ހުރަހަކީ ރަށުގެ އާބާދީ މަދުވުން ކަމަށް ވިޔަސް، ތަކަންދޫގައި އަންހެން ވޮލީ ޓީމެއް އޮތުމަކީ އެ ކައުންސިލްގެ އުއްމީދެއްކަމަށް ރައްޒާޤް ވިދާޅުވެފަވެއެވެ.
ޖުމްލަ 12 ބައިވެރިއަކު ވަނީ މި ކޭމްޕް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!