ކުޅުދުއްފުށި ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، 100 އަށް ވުރެ ގިނަ ގޭބިސީއަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފަ އެވެ.

Ad
rt

ވިއްސާރައާ ގުޅިގެން އުފެދުނު މި ހާލަތާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް (އީއޯސީ) ގާއިމުކޮށްފަ އެވެ. ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، އެހީތެރިކަން ހޯދުމަށް ގާއިމުކުރި ހޮޓްލައިން މެދުވެރިކޮށް އީއޯސީއަށް 170 އަށް ވުރެ ގިނަ ފޯނު ކޯލު ލިބިފައިވާއިރު، އެ ހުރިހާ ކޯލުތަކަށް ވަނީ ޖަވާބުދީފަ އެވެ. މީގެ އިތުރުން "ސިޓީ ކުލުނު" މެދުވެރިކޮށް އެހީއަށް އެދި 250 އަށް ވުރެ ގިނަ މެސެޖު ވެސް ވަނީ ލިބިފަ އެވެ.

ސިޓީ ކައުންސިލްގެ އީއޯސީގެ މަސައްކަތް ކުރިއަށް ގެންދަނީ، ފޮޓޯ: ސިޓީ ކައުންސިލް

ގެތަކަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާތަނަށް 1500 އަށް ވުރެ ގިނަ ވެލިބަސްތާ ވަނީ ދޫކޮށްފަ އެވެ. އަދި މިހާރުވެސް ގެތަކަށް ފެން ވަނުން ހުއްޓުވުމަށް ޖަހާ ބަސްތާތަކަށް އެޅުމަށް ވެލި ދޫކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

ރަށުގެ މަގުތަކާއި ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމަށްޓަކައި ހަތް ޑީވޯޓަރިން ޕަންޕު ބަހައްޓައިގެން މެދުކެނޑުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށުގެ ހަތަރެއް ނުވަތަ ފަސް ސަރަހައްދެއްގައި ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާއިރު، އަމީނީމަގުގެ ދެކުނު ކޮޅުގައި ކޯރު ކޮނެގެން ފެން ބޮޑުވެފައިވާ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ.

ކުޅުދުއްފުށީ ސިޓީން ފެން ހިންދުމުގެ މަސައްކަތް ކުރަނީ ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ރެއިން ފެށިގެން ކައުންސިލާއި އެކި މުއައްސަސާތަކުގެ ޓީމުތަކުން ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް އެޓެންޑްވެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ގިނަ ގޭބިސީތަކަކަށް ގެއްލުންވެފައި ވުމާއެކު، ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ މެދު ހާއްސަ މަޝްވަރާ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފަ އެވެ.

މި ކާރިސީ ހާލަތުގައި ކުރިއަށްގެންދާ މަސައްކަތްތަކުގައި ދިވެހި ރެޑް ކްރެސެންޓް (އެމްއާރްސީ) ނޯތު ރީޖަނަލް އޮފީހާއި، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި، އެމްއެންޑީއެފްގެ އިތުރުން ޕަބްލިކް ވޯކްސް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓާއި ރެއިންބޯ ކޮންސްޓްރަކްޝަނުން ވެސް މި މަސައްކަތުގައި އެއްބާރުލުން ދެމުން އަންނަ ކަމަށް ކައުންސިލުން ފާހަގަކުރި އެވެ.