ހއ. ދިއްދޫގައި އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ސެޝަނެއް މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ސެޝަނަކީ ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ދިއްދޫ ކައުންސިލްގެ އިތުރުން އެ ރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ad
rt

ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށުގެ އަންހެނުންނަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން ރަށުގެ 18 އަހަރުން މަތީގެ ހުރިހާ އަންހެނުންނަށް މި ސެޝަނުގައި ބައިވެރިވުމަށް އެ ކޮމެޓީން ވަނީ ދައުވަތު އަރުވައިފައެވެ.

މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިންގެ މެދުގައި ހާއްސަ ގުރުއަތުލުމެއް ވެސް ހިމަނައިގެންނެވެ. އެގޮތުން މި ހަރަކާތަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މައުލޫމާތު ދިނުމުގެ މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. މި ސެޝަން ކުރިއަށްދާނީ ދިއްދޫ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އުރަމަތީގެ ކެންސަރަކީ އުރަމަތީގެ ސެލްތައް އާދަޔާ ހިލާފަށް އިތުރުވެ، އެއްވެސް ކޮންޓްރޯލެއް ނެތް ގޮތުގައި ބޮޑުވާން ފެށުމުން ޖެހޭ ބައްޔެކެވެ. މިއީ ދިވެހި އަންހެނުންގެ މެދުގައި ވެސް އެންމެ އާންމު ކެންސަރުގެ ބާވަތަށް ވާއިރު، ވަރަށް މަދުން ނަމަވެސް ފިރިހެނުންނަށް ވެސް މި ބަލި ޖެހެއެވެ.

މި ބަލީގެ އެންމެ އާންމު އަލާމާތަކީ އުރަމަތީގައި ގޮށެއް ނުވަތަ ހަރުތަނެއް އުފެދުމެވެ. މީގެ އިތުރުން އެއް އުރަމަތި އަނެއް އުރަމައްޗަށް ވުރެ ބޮޑުވުން ފަދަ އުރަމަތީގެ ސައިޒަށް ނުވަތަ ބައްޓަމަށް ބަދަލު އައުމާއި، އުރަމަތީގެ ހަންގަނޑު ރަތްވުން، ބޮލިރިނދި ހަންގަނޑު ފަދައިން ވަޅުވަޅުކޮޅު ހެދުން ނުވަތަ ހަންގަނޑު ބޯވުން ހިމެނެއެވެ. އަދި ވައްގަނޑު އެތެރެއަށް ވަނުމާއި، ވައްގަނޑުން ލޭ ނުވަތަ އާދަޔާ ހިލާފު ދިޔައެއް އައުމަކީ ވެސް މި ބަލީގެ މައިގަނޑު އަލާމާތްތަކެވެ.

އުރަމަތީ ކެންސަރު ޖެހުމަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި އުމުރުން ދުވަސްވުމާއި، އާއިލާގެ މެންބަރަކަށް، މިސާލަކަށް މަންމަ، ދައްތަ، ނުވަތަ އަންހެން ދަރިއަކަށް މި ބަލި ޖެހިފައި ހުރުން ފަދަ އާއިލީ ތާރީޚު ހިމެނެއެވެ. މީގެއިތުރުން ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ހަށިގަނޑުގެ ބަރުދަން މާބޮޑަށް އިތުރުވުމާއި، ކަސްރަތު ނުކުރުމަކީ ވެސް ބަލި ޖެހުމުގެ ފުރުސަތު އިތުރުވާ ކަންކަމެވެ.

އުރަމަތީގެ ކެންސަރު ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، ފަރުވާކޮށްގެން ބަލިން ފަސޭހަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން ކޮންމެ މަހަކު އެއްފަހަރު އަމިއްލައަށް އުރަމަތީގައި އެއްވެސް ބަދަލެއް ނުވަތަ ގޮށެއް ހުރިތޯ ބެލުމާއި، އުމުރުން 40 އަހަރުން މަތީގެ އަންހެނުން ގަވާއިދުން މެމޮގްރާމް ސްކްރީނިންގ ހެދުން މުހިންމެވެ. ހަމައެއާއެކު، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ކަސްރަތުކޮށްގެން ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަކީ މި ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.