ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް މި އޮކްޓޫބަރު މަހުގެ 20 އިން 22 ގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅެކެވެ. މީގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިވެ، ފައިދާހުރި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ހާޒިރުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ މުހިންމު 20 ފަހުމުނާމާއަކާއި އެއްބަސްވުންތައް ވަނީ ބަދަލުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދެ ޤައުމުން ވަނީ ޢަޒުމް ކަނޑައަޅާފައެވެ. މީގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ދިފާޢީ އަދި ސަލާމަތީ ދާއިރާގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގުޅުން ފަދަ ދާއިރާތަކުން ގުޅުން ފުޅާކުރުމަށްވެސް ރަސްމީ މަޝްވަރާތަކުގައި ވަނީ އެއްބަސްވެފައެވެ.
ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރާއްޖޭގެ ޤައުމީ އެއަރލައިން ކަމަށްވާ މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް އަމާޒުހިފާފައިވާކަން އިޢުލާންކުރައްވާފައެވެ. މި ދަތުރުތައް ފެށުމާއެކު ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެ، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއަށް އައު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު، ދިވެހިރާއްޖެއާއެކު ދިގު މުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް އެމަނިކުފާނު ވަނީ ދަޢުވަތު އަރުވާފައެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ޞިއްޙީ ދާއިރާއާއި، އިމާރާތްކުރުމާއި، އިންޖިނިއަރިންގގެ އިތުރުން، އިއާދަކުރަނިވި ހަކަތަ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި، ތަޢުލީމާއި، ޞިއްޙަތާއި، ޘަޤާފަތް އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. މިގޮތުން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، 100,000 ޒައިތޫނި ގަހުގެ ކުރި އަދި އެކި ބާވަތްބާވަތުގެ 100,000 މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވައި، އެ ޤައުމުގެ އިސް ވެރިންނާވެސް މަޝްވަރާތައް ބާއްވަވާފައެވެ. އެ ބޭފުޅުންގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުޙައްމަދު އިސްޙާޤް ދާރް އާއި، ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރާއި، ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ ސަރްދާރު އަޔާޒް ޞާދިޤާއި، ސެނެޓުގެ ޗެއަރމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީ ހިމެނިވަޑައިގަންނަވައެވެ.
މި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވީ، ވޭތުވެދިޔަ 60 އަހަރުގެ ރަޙުމަތްތެރިކަމާއި އެއްބާރުލުމުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުން ވެފައިވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ ޒަރީޢާއިން ރައްޔިތުންނަށް އޭގެ ހެޔޮ މަންފާ ޢަމަލީގޮތުން ހޯދައިދިނުމުގައި ދެ ޤައުމުންވެސް ސާބިތުކަމާއެކު ދެމިތިބިކަން ކަށަވަރުކޮށްދެމުންނެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!