ހދ. ކުޅުދުއްފުށީ ސިޓީގެ ކުޅި ހިމާޔަތްކުރުމަށާއި އެ ރަށުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ހިންދުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅުންހުރި ފަރާތްތަކާއެކު ޤައުމީ ފެންވަރުގައި މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، މި މަޝްވަރާތައް ކުރިއަށްގެންދަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ "އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީ.ސީ.އާރް.އެފް.އެސް) މަޝްރޫޢުގެ ދަށުން ކަމަށެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގައި މިހާރު ޤާއިމުކުރެވިފައިވާ ފެންހިންދާ ވަސީލަތްތަކާއި، އެ ތަކެތީގެ މަސައްކަތްތަކާ ގުޅޭގޮތުން ހަދާފައިވާ ޢިލްމީ ދިރާސާތަކުގެ ހޯދުންތަކާއި، މޮޑެލިންގ ނަތީޖާތަކާ ބެހޭ މަޢުލޫމާތު ކަމާބެހޭ އިދާރާތަކާ ޙިއްޞާކުރުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެއިތުރުން، އެ ރަށުގެ ފެންހިންދުމުގެ ސްޓްރެޓެޖީއާ ބެހޭ މަޢުލޫމާތުތައް ކަމާގުޅުންހުރި އެކި މުއައްސަސާތަކާ ޙިއްޞާކޮށް، އެ ފަރާތްތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރުން ވެސް މި ބައްދަލުވުންތަކުގެ ތެރޭގައި ހިމެނެއެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި މަޝްވަރާތަކުން ލިބޭ މަޢުލޫމާތާއި ޚިޔާލުތަކުގެ އެހީގައި، ފެންހިންދުމުގެ ނިޒާމުގެ އެންމެ ފަހުގެ ޑިޒައިންތައް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރޭވިފައިވާ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު ކަނޑައެޅިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ޙައްލެއް ލިބި، މޫސުމީ ވިލުންވެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ތެރެއިން ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން (ނޭޗަރ-ބޭސްޑް ސޮލިއުޝަންސް) ތިމާވެއްޓާ ރައްޓެހި ގޮތްތައް ދެނެގަނެ، އެކަންކަން ތަންފީޛުކުރުމަށް ޚާއްޞަ އިސްކަމެއް ދެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!