އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިކުނޑިއަށް ލޭއެޅިގެން އަވަހާރަވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން، އެމަނިކުފާނު ދުނިޔޭގައި ހުންނެވިކަން ހާމަކޮށްދިނުމުގެ ގޮތުން އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އާ ފޮޓޯތަކާއި ވީޑިއޯތަކެއް އާންމުކޮށްފިއެވެ.

މި ފޮޓޯތަކުން ފެންނަނީ ވެރިރަށް ޕިޔޮންގޔަންގުގައި ބޭއްވި އަންނައުނާއި ފައިވާނުގެ މައުރަޒެއް އެމަނިކުފާނު ބައްލަވާލައްވަން ހުންނަވަނިކޮށެވެ.

Ad
rt

ކިމްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ހަގީގަތާ ހިލާފު އަޑުތަކެއް ފެތުރެން ފެށީ އެމެރިކާގައި ދިރިއުޅޭ ޗައިނާގެ އެކްޓިވިސްޓަކު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. އެ ޕޯސްޓުތަކުގައި ބުނެފައިވަނީ ކިމްގެ ސިކުނޑިއަށް ބޮޑު ގެއްލުމެއް ލިބި ލޭއެޅުމުގެ ސަބަބުން ކޯމާއަކަށް ގޮސް، އެމަނިކުފާނު އަވަހާރަވެފައިވާ ކަމަށެވެ.

އިންޓަނެޓުގައި ދައުރުވި މި އަޑުތަކުގައި އިތުރަށް ބުނެފައިވަނީ، ސިއްހީ ކުއްލި ހާލަތަކާ ގުޅިގެން ކިމް ސިއްރިއްޔާތުގައި ޗައިނާގެ ބެއިޖިންގުގައި ހުންނަ ޕީކިންގ ޔޫނިއަން މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި ޗައިނާގެ ސިފައިން ހަރަކާތްތެރިވަމުން ދިޔަ ވަގުތެއްގައި، އުތުރު ކޮރެއާގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ކިމްގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ކަމަށް ވެސް އެ ވާހަކަތަކުގައި ތުހުމަތުކޮށްފައިވެއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޝޮޕިން ކުރެއްވުމުގައި އުޅުއްވަނިކޮށް އާންމުކޮށްފައިވާ ފޮޓޯއެއް

ނަމަވެސް، މި ވާހަކަތައް ދޮގުކުރަމުން އުތުރު ކޮރެއާގެ ރަސްމީ ނިއުސް އެޖެންސީ ކަމަށްވާ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އަދި ދައުލަތުގެ ޓެލެވިޒަނުން ވަނީ ކިމް އެ މައުރަޒަށް ޒިޔާރަތްކުރެއްވި މަންޒަރު ދައްކުވައިދޭ ތާޒާ ފޮޓޯތަކާއި ވީޑިއޯތައް ދައްކާފައެވެ.

ދައުލަތުގެ މީޑިއާއިން އާންމުކުރި މަންޒަރުތަކުން ފެންނަނީ ކިމްގެ އަނބިކަނބަލުން ރީ ސޮލް-ޖޫ އާއި ދަރިކަނބަލުން ކިމް ޖޫ-އޭ އާއެކު އެމަނިކުފާނު މައުރަޒު ބައްލަވާލައްވަމުން ގެންދަވާ ތަނެވެ. އެގޮތުން ކުޑަކުދިންގެ ފިޔާތޮށި ކުލައިގެ ފައިވާނަކާއި އަންހެނުންގެ ކޯޓުތައް ބައްލަވަން ހުންނެވި މަންޒަރާއި، އޮފިޝަލުންނާ ވާހަކަދައްކަވަމުން އަތުގެ އިޝާރާތް ކުރައްވާ މަންޒަރު ވެސް ފޮޓޯތަކުން ފެނެއެވެ.

ޖާސޫސީ އިދާރާތަކުންނާއި މިނިވަން ބައިނަލްއަގުވާމީ މޮނިޓަރުން ފާހަގަކުރި ގޮތުގައި، މި އަޑުތައް ފެތުރުމުގެ ކުރިން ވެސް އުތުރު ކޮރެއާގެ ސިފައިންގެ އާދަޔާ ހިލާފު އެއްވެސް ހަރަކާތެއް ނުވަތަ ކިމްގެ ސިއްހަތާ ގުޅޭ ނުރައްކާތެރި ކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އުތުރު ކޮރެއާއިން މީޑިއާ ހަރުކަށިކޮށް ކޮންޓްރޯލް ކުރާތީ، މި ފޮޓޯތަކަކީ ކޮން ދުވަހަކު ނަގާފައިވާ ފޮޓޯތަކެއްކަން ބޭރުގެ ނޫސް އިދާރާތަކަށް މިނިވަންކަމާއެކު އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.