ކައުންސިލުގެ ހުއްދަނެތި ކުމުންދޫގެ ވަލުތެރެ ކޮށުމާއި އެއްވެސް ސަރަޙައްދެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ގަސް އިންދުމަކީ މަނާކަމެއް ކަމުގައި އެ ރަށު ކައުންސިލުން ކަނޑައަޅައިފިއެވެ.

ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ އިދާރާގެ 5 ވަނަ ދައުރުގެ 22 ވަނަ އާންމު ބައްދަލުވުމުގައެވެ.

Ad
rt

ކުމުންދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނީ، އެ ރަށުގެ ވަލުތެރޭގެ އެކި ސަރަޙައްދުތައް ކޮށައި ސާފުކުރަމުންދާ ކަމަށެވެ. އަދި ހުއްދަ ނުހޯދައި ދަނޑުވެރިކަން ކުރުމުގެ ބޭނުމުގައި ވަލުތެރެއިން ބިން ކަނޑައަޅައިގެން ގަސް އިންދަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

ރަށުގެ ބިމަކީ މުޅި ރައްޔިތުންގެ އާންމު މަސްލަޙަތާ ގުޅިފައިވާ އެންމެ އަގުބޮޑު އެއް ވަސީލަތް ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ވަކި އުސޫލެއް ނެތި މިފަދައިން ބިންތައް ބޭނުންކުރުމަކީ ރަށުގެ މުސްތަޤުބަލަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މިގޮތަށް ބިން ބޭނުންކުރުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ އުނިކަމަށް އަލިއަޅުވާލަމުން ކައުންސިލުން ބުނީ، ރަށުތެރޭގެ ޤުދުރަތީ ފެހިކަމާއި ފިނި ހިޔާވަހިކަން ގެއްލިގެންދާނެ ކަމަށެވެ. މީގެއިތުރުން ރަށުގެ ނާޒުކު ވެއްޓަށް ބޮޑެތި ލޮޅުންތަކެއް އަރައި، ރަށުގައި އުޅޭ އެކިއެކި ދިރުންތަކުގެ ޤުދުރަތީ ބިނާވެށި ނެތިދާނެ ކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކޮށްފައެވެ.

އަދި ކަނޑައެޅިފައިވާ ޕްލޭނަކާ ނުލައި ބިންތައް ބޭނުންކުރުމުގެ ސަބަބުން ރަށުގެ ތަރައްޤީއަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ. އެގޮތުން، ކުރިމަގުގައި ރަށުގެ ރައްޔިތުންނަށްޓަކައި ހިންގަން ރޭވޭ އިޖުތިމާއީ، އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށާއި އެހެނިހެން އާންމު ބޭނުންތަކަށް ބިން ކަނޑައެޅުމުގައި ބޮޑެތި ދަތިތަކާއި ހުރަސްތައް ކުރިމަތިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ވީމާ، މިފަދަ ނޭދެވޭ ކަންކަން ހުއްޓުވައި، ރަށުގެ ވެށި ރައްކާތެރިކުރުމުގެ މަޤްސަދުގައި 20 އޮކްޓޫބަރު 2026 އިން ފެށިގެން އެފަދަ އެންމެހައި ޢަމަލުތައް ހުއްޓާލުމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި ހުއްދަނެތި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުގެ ދަށުން ޢަމަލުކުރެވޭނެ ކަމަށްވެސް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.