ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު ހިތްހަމަނުޖެހުމަކާ ގުޅިގެން ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ މައްސަލައިގައި، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށް، 255 ޔޫރޯ (285 ޑޮލަރު) އިން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ ޕޯޗުގަލް ފުޓްބޯލް އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކައުންސިލުންނެވެ.
އުމުރުން 41 އަހަރުގެ ފޯވާޑާ ދެކޮޅަށް ހުށަހެޅުނު މައްސަލަ ފުރިހަމައަށް ސާބިތުވާ ކަމަށް ނިންމައި ހޯމަ ދުވަހު އަދަބު ކަނޑައެޅިއިރު، ޑިސިޕްލިނަރީ ކައުންސިލުގެ ނޮން-ޕްރޮފެޝަނަލް ސެކްޝަނުން ނިންމާފައިވަނީ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ގަވާއިދުގެ 160 ވަނަ މާއްދާގެ 1 ވަނަ ނަންބަރާ ރޮނާލްޑޯ ގަސްދުގައި ހިލާފުވެފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގު އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ފަށާފައިވަނީ، އޭގެ ދެ ދުވަސް ކުރިން ރިޕޯޓްކުރެވުނު ކަންތައްތަކަކާ ގުޅިގެންނެވެ.
ރޮނާލްޑޯ ޕޯޗުގަލްގެ ކޭމްޕް ދޫކޮށް ގޮސްފައިވަނީ، މި މަހުގެ ކުރީކޮޅު ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ކޯޕަންހޭގަންގައި ޓީމު ގާއިމުވެ ތިއްބައެވެ. އެއީ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި އިންނަން ޖެހުމުން، ޓީމުގައި އޭނާގެ ދައުރާ ގުޅޭގޮތުން ވީ ވައުދާ ކޯޗު ޖީސަސް ދެ ފަހަރެއްގެ މަތިން ހިލާފުވެފައިވާ ކަމަށް ބުނެ ރޮނާލްޑޯ ތުހުމަތުކުރުމަށް ފަހުގައެވެ.
ނަމަވެސް، ރޮނާލްޑޯއާއެކު އެއްވެސް އެއްބަސްވުމެއް ވެފައިވާނެ ކަމަށް ކޯޗު ޖޯޖް ޖީސަސް ވަނީ ދޮގުކޮށްފައެވެ. އެހެން ނަމަވެސް، ޑެންމާކް އަތުން 2-1 އިން ޕޯޗުގަލް މޮޅުވި މެޗަށް ފަހު ވާހަކަދައްކަމުން ޖީސަސް ވަނީ ރޮނާލްޑޯ އަލުން ޓީމަށް އެނބުރި އައުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.
ޑިސިޕްލިނަރީ ކައުންސިލުގެ ބަޔާނުގައި މި ސަސްޕެންޝަން ހިނގާނީ ކޮން މެޗުތަކަކަށް ނުވަތަ ހަރަކާތްތަކަކަށް ކަމެއް، އަދި ވަގުތީ ސަސްޕެންޝަނެއްގެ ދަށުން ހޭދަކުރި މުއްދަތު މި 30 ދުވަހުގެ ތެރޭގައި ގުނޭނެ ކަމެއް ސާފުކޮށްދީފައެއް ނުވެއެވެ. މި ހާދިސާއަށް ފަހު ރޮނާލްޑޯ ވަނީ ނޯވޭ މެޗަށް ފަހު ސަޕޯޓަރުންގެ އަގު ވަޒަންނުކުރެވުމުންނާއި، ޓީމުގެ ކުޅުންތެރިން ދޫކޮށް ދެވުނީތީ މާފަށް އެދިފައެވެ. އަދި އޭނާއަށް ކަނޑައަޅާ އަދަބެއް ފުރިހަމަކުރުމަށްފަހު، އަލުން ގައުމީ ޓީމަށް ނެގުމަށް ތައްޔާރަށް ހުރި ކަމަށްވެސް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅޭގޮތުން ޕޯޗުގަލް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ޕެޑްރޯ ޕްރޮއެންސާ ވިދާޅުވެފައިވަނީ، މި މައްސަލަ ހައްލުވުމުން ރޮނާލްޑޯ އަލުން ގައުމީ ޓީމަށް އެނބުރި އައުމަކީ އެ ފެޑެރޭޝަންގެ އެންމެންވެސް އެދޭ ގޮތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!