މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމާ ގުޅިގެން، އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500،000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖިންގ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހިފަހައްޓައިފިއެވެ.

މި ސްޕަވައިޒަރީ ފިޔަވަޅު އެޅުމަށްފަހު އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތް ތަނުގައިވެސް އެ އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

Ad
rt

ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭއިން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތިންނެވެ. އެހެންކަމުން އެ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކުމާއި، ވިއްކަން މަސައްކަތް ކުރުމަކީވެސް ގާނޫނީ ގޮތުން ކުށެކެވެ.

އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން އުޅެފިނަމަ، އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާއާއި 1،000،000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން، އެމްއެމްއޭއިން ރަސްމީކޮށް ކަނޑައަޅާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީވެސް މި އިސްލާހުގެ ދަށުން މަނާކަމެކެވެ. އެގޮތުން ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ އެހެން ޕްލެޓްފޯމަކުން ވިޔަސް އެފަދަ މައުލޫމާތު އާންމުކޮށް އެނގޭނޭހެން ހާމަކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމާއި، ތަކުރާރުކޮށް ފޯރުކޮށްދިނުން ކުށަކަށްވާއިރު، އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ހަމައެއާއެކު، އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގައާއި އިޝްތިހާރު ކުރުމުގެ އަމަލެއްގައި ގާނޫނީ ޝަޚުސެއް ޝާމިލުވާނަމަ އަޅާ ފިޔަވަޅުތައް އިތުރަށް ބޮޑުވެއެވެ. އެފަދަ ގާނޫނީ ޝަޚުސުތައް 100،000 ރުފިޔާއާއި 5،000،000 (ފަސް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.