ހދ. ނޮޅިވަރަމުގައި ބަށިބޯޅައިގެ އޮފިޝަލުން ތަމްރީނުކުރުމަށް ބާއްވާ ޚާއްޞަ ސެޝަންތަކެއްގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ބަށިބޯޅަ އެސޯސިއޭޝަނާއި ނޮޅިވަރަމު ކައުންސިލްގެ އިތުރުން، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
ނޮޅިވަރަމް ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި ތަމްރީނު ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 15 އަހަރުން މަތީގެ ކޮންމެ އަންހެން ބޭފުޅަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ.
ބަށިބޯޅަ އޮފިޝަލުން ބިނާކުރުމަށް ކުރިއަށްގެންދާ މި ސެޝަންތައް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 28 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮކްޓޫބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ގޫގަލް ފޯމު މެދުވެރިކޮށް ނަން ނޯޓުކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
މި ސެޝަންތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން، ކައުންސިލް މެންބަރު މަރްޔަމް ޙަބީބް (7575566) ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ޙައްވާ ޒާހިރާ (7827824) އަށް ގުޅުއްވުމަށް ވެސް ނޮޅިވަރަމު ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!