ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު ރޯމާ އަތުން ފަހަތުން އަރައި 4-3 އިން ރެއާލް މެޑްރިޑް މޮޅުވި މެޗަށް ފަހު، ރެފްރީން އޭނާއަށް އަމާޒުކޮށްގެން ކަންކަން ކުރަމުންދާ ކަމަށާއި އޭނާ ފަދަ ހުނަރުވެރި ކުޅުންތެރިންނަށް ރެފްރީންގެ ފަރާތުން އިތުރު ރައްކާތެރިކަން ބޭނުންވާ ކަމަށް ބުނެ ވިނީޝިއުސް ޖޫނިއާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ބްރެޒިލްގެ ފޯވާޑް ބުނީ، އޭނާއާ މެދު ރެފްރީން ކަންކަން ކުރާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، ބާސެލޯނާގެ ލަމީން ޔަމާލް އަދި އެތުލެޓިކޯ މެޑްރިޑްގެ ހޫލިއަން އަލްވަރޭޒް ފަދަ ތަފާތު ކުޅުމެއް ދައްކާ ހުނަރުވެރި އެޓޭކަރުންނަށް ދަނޑުމަތީގައި ހިމާޔަތް ލިބެން ޖެހޭ ކަމަށެވެ.
ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔަމުން ވިނީޝިއުސް ބުނީ، އޭނާއާ ދެކޮޅަށް ކުޅޭ ޓީމުތަކުގެ ސަޕޯޓަރުން އޭނާއާ ދިމާކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ރެފްރީން ކަންކުރާ ގޮތް އެއްގޮތަކަށް ވެސް ބަލައިނުގަނެވޭ ކަމަށެވެ.
"އަހަރެން ތަފާސްހިސާބުތައް ބަލައިފިން؛ އަހަންނަށް އަމާޒުކޮށް 500 ފައުލް ކޮށްފައިވާއިރު، އެކަމުގެ ސަބަބުން ދައްކާފައިވަނީ އެންމެ ފަސް ރަތް ކާޑު. އެކަމަކު އެންމެ ފަހުން އަބަދުވެސް ރީނދޫ ކާޑު ދައްކަނީ ވިނީއަށް، ހަމަލާދޭ ކުޅުންތެރިންނަށް. ކުޅުމަށް ތަފާތު ކަމެއް ގެނެސްދޭ ކުޅުންތެރިން، މިސާލަކަށް ބާސެލޯނާގައި ލަމީން ނުވަތަ އެތުލެޓިކޯގައި ހޫލިއަން ފަދަ ކުޅުންތެރިން ރައްކާތެރިކުރަން ޖެހޭ. މުޅި މެޗުގައި ދިފާއީ ކުޅުންތެރިންނަށް އަހަންނަށް ފައުލްކުރަން ހުއްދަ އޮވޭ، އެކަމަކު އެންމެ ފަހުން ކާޑު މި ލިބެނީ އަހަންނަށް،" އޭނާ ބުންޏެވެ.
ރޯމާއާ ދެކޮޅަށް ކުޅުނު މި މެޗު ކުރިއަށްދިޔައީ، ސްޕެނިޝް ލީގުގައި އިދިކޮޅު ކުޅުންތެރިއެއްގެ އިސްތަށިގަނޑަށް ދަމައި އަދި ރެފްރީއާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ސަބަބުން ދެއްކި ރަތް ކާޑާ ގުޅިގެން ވިނީޝިއުސްއަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެ އަދަބާ މެދު ހައިރާންކަން ފާޅުކުރަމުން އޭނާ ބުނީ އެހެން އެއްވެސް ކުޅުންތެރިއަކަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް އައި ހަނދާނެއް ނުވާ ކަމަށެވެ. އަދި އޭނާ ކުރިހާ ވެސް ކަމަކީ ކުރިމަތީގައި ހުރި ކުޅުންތެރިޔާ ދުރަށް ޖައްސަން އުޅުމުގެ ތެރޭގައި އަތް އިސްތަށިގަނޑުގައި އެޅުނީ ކަމަށާއި، ހަތަރު މެޗުގެ ސަސްޕެންޝަނެއް އަންނަންޖެހޭ ފަދަ އެއްވެސް ހުތުރު ބަހެއް ރެފްރީއާ ދިމާލަށް ނުބުނާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާ ފާހަގަކުރި ގޮތުގައި، ވިނީޝިއުސްއާ ޖެހުމުން އަދަބު ދޭން މާ ފަސޭހަވެގެންދެއެވެ.
މި ސަސްޕެންޝަން އިއުލާނުކުރި ވަގުތާ މެދު ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. މޮރީނިއޯ ބުނީ މުހިންމު މެޗަކަށް ތައްޔާރުވަމުން ދަނިކޮށް، މެޗު ފެށެން އެންމެ ދެ ގަޑިއިރަށް ވެފައި ވަނިކޮށް ކުޅުންތެރިއަކު ހަތަރު މެޗަށް ސަސްޕެންޑް ކުރިކަން އެނގުމަކީ އާދައިގެ ކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ޓީމު ބަހުގައި ދަނޑަށް ދަތުރުކުރަނިކޮށް އެކަން އެނގުނުއިރު، އެފަދަ ފަރާތްތަކުން ލަދުހަޔާތެއް ނެތި ކަންކަން ކުރަން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ. މި ސަސްޕެންޝަނުގެ ސަބަބުން ލީގުގައި އަންނަ އާދީއްތަ ދުވަހު ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗާއި، ޖެހިގެން އަންނަ ހަފުތާގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ "އެލް ކްލެސިކޯ" މެޗުގެ އިތުރުން ރޭސިން ސަންޓަންޑޭ އަދި ވެލެންސިއާއާ ދެކޮޅަށް ކުޅޭ ދެ މެޗު ވިނީޝިއުސްއަށް ގެއްލޭނެއެވެ.
ނިމިދިޔަ އޮގަސްޓް މަހަށް ފަހު ރެއާލް މެޑްރިޑަށް އެއްވެސް ލަނޑެއް ޖެހިފައި ނުވާއިރު، އޭނާގެ ފޯމު މިވަގުތު ދަށްވެފައިވާ ކަމަށް އުމުރުން 26 އަހަރުގެ ވިނީޝިއުސް ވަނީ އެއްބަސްވެފައެވެ. މި ސީޒަނުގައި އޭނާއަށް ކްލަބަށާއި ގައުމީ ޓީމަށް ޖެހިފައިވަނީ އެންމެ ދެ ލަނޑެވެ. އެއީ ލީގުގެ ދެވަނަ މެޗުގައި ރެއާލަށް ޖަހައިދިން ލަނޑާއި، ސެޕްޓެމްބަރު މަހު އޮސްޓްރޭލިއާއާ ދެކޮޅަށް ބްރެޒިލް ކުޅުނު އެކުވެރިކަމުގެ މެޗުގައި ޖެހި ލަނޑެވެ. މިކަމާ ގުޅޭގޮތުން އޭނާ ބުނީ އަލުން އެންމެ މަތީ ފޯމަށް އެނބުރި އައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މީގެ ކުރިން ވެސް މިއަށް ވުރެ ގޯސް ހާލަތްތައް ތަހައްމަލުކޮށްފައިވާ ކަމަށެވެ. އަދި އޭނާއާ މެދު ސުވާލު އުފެއްދި ނަމަވެސް ކްލަބަށްޓަކައި އަބަދުވެސް ހުންނާނެ ކަމަށާއި، އަލުން ކުރީގެ ރަނގަޅު ފޯމާއި ލަނޑުތައް އެނބުރި އަންނާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ރޯމާ އަތުން ރެއާލް މެޑްރިޑް 3-1 އިން ބަލިވަމުން ދަނިކޮށް، މެޗުގެ 59 ވަނަ މިނެޓުގައި ވިނީޝިއުސް ބަދަލުކުރުމުން އޭނާގެ މޫނުމަތިން ފެނުނު ހިތްހަމަނުޖެހުމާ ގުޅޭގޮތުން އޭނާ ބުނީ، އަބަދުވެސް ހުރިހާ މެޗެއް ކުޅެން ބޭނުންވާތީ ބަދަލުކުރުމުން ހިތްހަމަނުޖެހުމަކީ ޠަބީޢީ ކަމެއް ކަމަށެވެ. ނަމަވެސް އޭނާގެ މިހާރުގެ ފޯމު އޮތް ގޮތް އެނގޭ ކަމަށާއި، މޮރީނިއޯއާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށް އޭނާ ބުންޏެވެ. ވިނީޝިއުސްގެ ބަދަލުގައި ކުޅެން އެރި އެންޑްރިކް ވަނީ 85 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި އެންޓޯނިއޯ ރުޑިގާ ކާމިޔާބުކުރި ލަނޑާ އެކު ރެއާލް ވަނީ މޮޅުވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެންޑްރިކަށް ތައުރީފު ކުރަމުން ވިނީޝިއުސް ބުނީ، ސީޒަނުގެ މިސްރާބު ބަދަލުކޮށްލަން މިފަދަ މެޗެއް ރެއާލަށް ވަރަށް މުހިންމު ކަމަށާއި، ޒުވާން ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!