މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބޭއްވި "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގެ އެވޯޑުތައް ރަސްމީކޮށް ނުވަ ފަރާތަކަށް ދީފިއެވެ.
މި އެވޯޑަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ސިނާއަތުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ޚިދުމަތްތަކެއް ދެމުން އަންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.
މި އެވޯޑު ހަފުލާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ގެސްޓްހައުސްތަކަށާއި، ފަރުދުންނަށް އަދި ރަށަކަށް ވަނީ އެވޯޑު ދީފައެވެ. މި ހަފުލާގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ 10 ކޮޓަރިއަށް ވުރެ ގިނަ ގެސްޓްހައުސްތަކުގެ ޓިއަރއިން ތިން އެވޯޑެއް ހާސިލުކުރި ކަމަދޫއިންނެވެ. މީގެ އިތުރުން، މި ހަފުލާގައި ދިން އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" ގެ ލަގަބު ހާސިލުކުރީ ފުވައްމުލަކު ސިޓީއެވެ.
ކަމަދޫއިން ހާސިލުކުރި ތިން އެވޯޑުގެ ތެރޭގައި ހިމެނެނީ ޓިއަރ 2 ގެ އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް އެވޯޑާއި، އައިލެންޑް އެކްސްކަރޝަންސް އެންޑް އެކްސްޕީރިއަންސަސް އެވޯޑުގެ އިތުރުން އީކޯ-ފްރެންޑްލީ އެވޯޑެވެ. މީގެ ތެރެއިން އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް އެވޯޑު ހަވާލުކޮށްދެއްވީ އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާއެވެ. އަދި އައިލެންޑް އެކްސްކަރޝަންސް އެވޯޑު ކޮމްޕެނީ ސެކްރެޓަރީ ޙުސައިން ޢަލީ ޙަބީބު ހަވާލުކޮށްދެއްވި އިރު، އީކޯ-ފްރެންޑްލީ އެވޯޑު ހަވާލުކޮށްދެއްވީ އެ ބޭންކުގެ ޗީފް ފައިނޭންޝަލް އޮފިސަރ ޢަލީ ވާސިފެވެ.
ދިހަ ކޮޓަރިއަށް ވުރެ ގިނަ ގެސްޓްހައުސްތަކުގެ ޓިއަރ 2 އިން އެވޯޑު ހޯދި އެހެން ފަރާތްތަކަށް ބަލާއިރު، ސާވިސް އެކްސެލެންސް އެންޑް ހޮސްޕިޓާލިޓީ އެވޯޑު ހާސިލުކުރީ އޯޝަން ގްރޭންޑެވެ. މި އެވޯޑު ހަވާލުކޮށްދެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާއެވެ. އަދި ކިއުލިނަރީ އެކްސްޕީރިއަންސް އެވޯޑު ބްލިސް ދިގުރަށުން ހޯދިއިރު، އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ކްރެޑިޓް އޮފިސަރ ފާތިމަތު އަޒްމަތު ޢަލީއެވެ. މީގެ އިތުރުން، މި ޓިއަރއިން ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު ސްވަރން ބައި ހޯކްސްއިން ހާސިލުކުރިއިރު، އެ ފަރާތަށް އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ ޢަލީ ވާސިފެވެ.
މި ހަފުލާގައި 10 ކޮޓަރިއަށް ވުރެ މަދު ގެސްޓްހައުސްތަކުގެ ކެޓަގަރީން ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު ޓިއަރ 1 ހާސިލުކުރީ ކޮނޑޭ ގާޑަން ވިލާއެވެ. މި އެވޯޑު ހަވާލުކޮށްދެއްވީ އެމްއައިބީގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރ މައުސޫމާ ޔޫސުފެވެ. ފަރުދީ ގޮތުން ދެވުނު އައުޓްސްޓޭންޑިންގ ޑައިވް މާސްޓަރ އެވޯޑު މުޙައްމަދު ޝަމޫން އަމީން ހޯދިއިރު، އޭނާއަށް އެވޯޑު ހަވާލުކޮށްދެއްވީ ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރ އިޔާޒް ވަހީދެވެ. އަދި ފުވައްމުލަކު ސިޓީއަށް ލިބުނު ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑު ހަވާލުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުފައްޟަލް އިދްރީސް ޚުމްރީއެވެ.
ގެސްޓްހައުސް ސިނާއަތަކީ މިވަގުތު ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ މުހިންމު ދާއިރާއެކެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި 931 ގެސްޓްހައުސްއެއް އޮޕަރޭޓްކުރަމުން އަންނައިރު، މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީ 16،000 އިން މައްޗަށް އަރައެވެ. މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 21.8 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!