އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީކޮށް ބޭނުންކުރުމުގައި މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަވަހަށް ނާޅައިފިނަމަ، ދުނިޔޭގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސައިބާ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސްވެރިން އިންޒާރު ދީފިއެވެ.

މި އިންޒާރު ދީފައިވަނީ ދުނިޔޭގެ 32 ގައުމެއްގެ ޔުނިވަރސިޓީތަކާއި ދިރާސާކުރާ އިދާރާތައް ތަމްސީލުކުރާ 300 އަށް ވުރެ ގިނަ ސައިންސްވެރިން ސޮއިކޮށް، އަންގާރަ ދުވަހު އާންމުކުރި ބަޔާނެއްގައެވެ.

Ad
rt

ސައިންސްވެރިން ފާހަގަކުރި ގޮތުގައި، ސައިބާ ސެކިއުރިޓީގެ އަސާސީ އުސޫލުތަކަށް އަމަލުނުކުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑެވެ. އަދި ފަހަކަށް އައިސް ރައްކާތެރި މާހައުލުތަކުން ބޭރަށް އޭއައި މޮޑެލްތައް ކޮންޓްރޯލުން ނެއްޓިގެން ދިޔަ ހާދިސާތަކަކީ ވަރުގަދަ ސަލާމަތީ ނިޒާމުތަކެއް ހުރިނަމަ ހުއްޓުވުނީސް ކަންކަން ކަމަށް ސައިންސްވެރިން ބުންޏެވެ. އެހެންކަމުން ސައިބާ ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ކުރިއަރާފައިވާ އޭއައި ސިސްޓަމްތައް ތަރައްގީކޮށް ޓެސްޓުކުރަން ވާނީ އިންޓަނެޓާ ގުޅާނުލައި، ވަކިން ބަހައްޓާފައިވާ "އެއާ-ގެޕްޑް" ނިޒާމުތައް ފަދަ ވަރުގަދައަށް ކޮންޓްރޯލް ކުރެވިފައިވާ މާހައުލުތަކެއްގައި ކަމަށް އެ ސައިންސްވެރިން ލަފާދީފައިވެއެވެ.

އޭއައިގެ ނުރައްކާތަކާ މެދު ކަންބޮޑުވުން އިތުރުވަމުން އަންނައިރު، ޑާރިއޯ އަމޯޑޭއީ އިސްކޮށް ހުންނަވާ އޭއައި ކުންފުނި އެންތްރޮޕިކް އިން ހޯމަ ދުވަހު ބުނެފައިވަނީ، އިންޓަނެޓާ ގުޅިފައިވާ ސްމާޓް ޓީވީ، ސެކިއުރިޓީ ކެމެރާ އަދި އަވަން ފަދަ އާންމުކޮށް ގޭގޭގައި ބޭނުންކުރާ ސާމާނުތަކަށް އަމިއްލައަށް ފެތުރިގަންނަ މެލްވެއާ އުފެއްދުމުގެ ގާބިލުކަން އޭއައި މޮޑެލްތަކަށް ވަރަށް އަވަހަށް ލިބިދާނެ ކަމަށެވެ. އަދި އިންސާނުންގެ އެހީތެރިކަމެއް ނެތި ނޭނގޭ ޑިވައިސްތައް ދެނެގަތުމުގެ ގާބިލުކަން އޭއައި އަށް ލިބިފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން ކުދި އޭއައި މޮޑެލްތަކުން ވެސް އަމިއްލައަށް އިސްނަގައިގެން ސައިބާ ހަމަލާތައް ދޭން ފަށައިފާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދިނެވެ. އިންޓަނެޓާ ގުޅިފައިވާ އާލާތްތައް ހެކަރުންގެ ބާރުގެ ދަށަށް ދިއުމުން ބޮޑެތި ގެއްލުންތައް ވާކަން ފާހަގަކުރަމުން، ފްރާންސްގެ ސުޕަމާކެޓްތަކެއްގެ ފިނިކުރާ ނިޒާމުތަކަށް ހެކަރުން ވަދެ ފިނިހޫނުމިން މަތިކޮށްލުމުގެ ސަބަބުން 220،000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ގެއްލުން ލިބުނު ހާދިސާ ސައިންސްވެރިން ވަނީ މިސާލެއްގެ ގޮތުގައި ދައްކައިފައެވެ.

މީގެއިތުރުން، ''އެކްސިއޯސް'' ނޫހުން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މާލީ މުހިންމު ހިދުމަތްތަކާއި، އިންޓަނެޓް އަދި ފެނާއި ކަރަންޓު ފަދަ ޒަރޫރީ އުމްރާނީ ހިދުމަތްތައް ހުއްޓުމަކަށް ގެނެސްފާނެ ފަދަ ނުރައްކާތެރި ހާދިސާއަކަށް އޯޕަންއޭއައި އަދި އެންތްރޮޕިކް ފަދަ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ސިއްރިއްޔާތުގައި ދަނީ ތައްޔާރުވަމުންނެވެ. އިންޑަސްޓްރީގެ އެތެރޭގެ ބައެއް މަސްދަރުތަކުން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ހަ މަހާއި އެއް އަހަރު ދުވަހުގެ ތެރޭގައި އެފަދަ ބޮޑު ކާރިސާއެއް ހިނގައިދާނެއެވެ. މިކަންކަމަށް ރިއާޔަތްކޮށް ސައިންސްވެރިން ވަނީ އޭއައިގެ ރައްކާތެރިކަމުގެ މިންގަނޑުތައް އެކަށައެޅުމަށާއި ހާދިސާތައް ވަގުތުން ރިޕޯޓްކުރުމަށް ބައިނަލްއަގުވާމީ އިދާރާއެއް އުފެއްދުމަށް ގޮވާލައިފައެވެ.

މި ބަޔާނުގައި ސޮއިކުރެއްވި ކެނެޑާގެ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގެ ޕްރޮފެސަރ ޑޭވިޑް ލީ ވިދާޅުވީ، އޭނާގެ ކަންބޮޑުވުންތައް އުފެދުނީ އޯޕަންއޭއައިގެ އޭއައި އޭޖެންޓްތަކެއް އެޅިފައިވާ ކޮންޓްރޯލްތައް ފަހަނައަޅައި، ޓެކް ކުންފުނި 'ހަގިން ފޭސް' ގެ ސާވަރުތަކަށް ވަދެގަތް ހާދިސާއާ ގުޅިގެން ކަމަށެވެ. ލީ ވިދާޅުވީ، "ފުރަތަމަ ކަމަކީ އޯޕަންއޭއައި އިން ޓެސްޓު މާހައުލު ގާއިމުކުރިއިރު، އެމީހުން ފަރުމާކުރި އޭޖެންޓްތަކުގެ ގާބިލުކަން އެމީހުންނަށް ރަނގަޅަށް ވަޒަން ނުކުރެވުން،" ކަމަށެވެ. އަދި "ދެވަނަ ކަމަކީ، އެ އޭއައި އޭޖެންޓްތައް އަމިއްލައަށް އެކަތި އަނެކައްޗާ ގުޅި، މި ހަމަލާ ދިނުމަށް އެއްބާރުލުން ދިނުމަށް ނިންމި ނިންމުން. އަދި ތިންވަނަ ކަމަކީ، އެ ތަކެތި އުފެއްދި އިންސާނުންނަށް ގަސްދުގައި އޮޅުވާލައި މަކަރުހަދަން މަސައްކަތްކުރި ކަން،" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިހާބު ކައިރިވެފައިވާއިރު، އޭއައިގެ ނުރައްކާތައް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ސިޔާސީ ވެރިންގެ ކިބައިގައި ހުރި މިންވަރާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ރޮއިޓާސް/އިޕްސޯސްގެ ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި ވޯޓުލާ މީހުންގެ 57 އިންސައްތަ މީހުން ގަބޫލުކުރަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އޭއައިގެ ނުރައްކާތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭ ކަމަށެވެ. އަދި 54 އިންސައްތަ މީހުން ކޮންގްރެސްއާ މެދު ވެސް ދެކެނީ އެފަދައިންނެވެ. މީގެއިތުރުން އޭޕީ-ނޯކް ޕޯލުން ދައްކާ ގޮތުގައި ސުވާލުކުރެވުނު މީހުންގެ ގާތްގަނޑަކަށް 80 އިންސައްތަ މީހުން ބުނެފައިވަނީ އޭއައި ބާއްވަންވާނީ އިންސާނުންގެ ބާރުގެ ދަށުގައި ކަމަށެވެ. އަދި މި ޓެކްނޮލޮޖީ ހުއްޓުވައި ކޮންޓްރޯލް ކުރުމުގައި ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން އެއްވެސް ޕާޓީއަކަށް އިތުބާރު ނުކުރާ ކަމަށް 39 އިންސައްތަ މީހުން ބުނެފައިވާއިރު، ޑިމޮކްރެޓުންނަށް އިތުބާރު އޮތް ކަމަށް ބުނީ 23 އިންސައްތަ މީހުންނެވެ. އަދި ރިޕަބްލިކަނުންނަށް އިތުބާރު އޮތް ކަމަށް ބުނެފައިވަނީ 21 އިންސައްތަ މީހުންނެވެ.