ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ ވެރިރަށް ސަންޢާގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އޭގެ ބަދަލުހިފުމެއްގެ ގޮތުން ހޫޘީ ހަނގުރާމަވެރިން ސަޢޫދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި ކަމަށްވާ ސަޢޫދީ އަރަމްކޯގެ އިމާރާތަކަށް ހަމަލާއެއް ދީފިއެވެ.

ސަޢޫދީގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދަހްރާންގައި ހުންނަ އަރަމްކޯގެ އިދާރީ އިމާރާތަކަށް އަމާޒުކޮށް އަންގާރަ ދުވަހު ދިން މި ހަމަލާގެ ސަބަބުން އަލިފާން ރޯވި ނަމަވެސް، އެއްވެސް މީހަކު މަރުވެ ނުވަތަ އަނިޔާވެފައި ނުވާ ކަމަށް ސަޢޫދީގެ ހަކަތައާ ބެހޭ ވުޒާރާއިން ސަޢޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

Ad
rt

އަރަމްކޯގެ މައި މަރުކަޒަށް މި ހަމަލާ ދީފައިވަނީ ސަޢޫދީ އަރަބިއްޔާގެ ތެޔޮ މަރުކަޒުތަކަކީ "ޝަރުޢީ އަމާޒުތަކެއް" ކަމަށް ބުނެ، އެ ތަންތަނުގެ ކައިރީގައި އުޅޭ އާންމުންނާއި މުވައްޒަފުން ތަންތަން ހުސްކުރުމަށް ހޫޘީން އަންގާރަ ދުވަހުގެ ކުރީކޮޅު އިންޒާރު ދީފައި ވަނިކޮށެވެ. ހޫޘީންގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު މި އިންޒާރު ދެއްވީ ހޫޘީންގެ ބާރުގެ ދަށުގައިވާ ސަންޢާގައި ހުންނަ ޔަމަން އޮއިލް ކޮމްޕެނީގެ އަލް-ސަބާހް ސެންޓްރަލް ސްޓޭޝަނުން މީހުން ހުސްކުރުމަށް ސަޢޫދީ ކޯލިޝަނުން އެންގުމާ ގުޅިގެންނެވެ. ސަރީޢު ވިދާޅުވީ ސަންޢާއަށް ދޭ ކޮންމެ ހަމަލާއެއްގެ ބަދަލު ސަޢޫދީގެ ވެރިރަށް ރިޔާޟުން ވަރަށް "ހަރުކަށި އަދި ވޭންދެނިވި" ގޮތަކަށް ހިފާނެ ކަމަށެވެ.

ސަޢޫދީ ކޯލިޝަނުން ތަން ހުސްކުރަން އެންގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސަންޢާގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ހޫޘީންނާ ގުޅުންހުރި މީޑިއާތަކުން ބުނި ގޮތުގައި ސަޢޫދީގެ ވާގިވެރިވާ ބާރުތަކުން ވަނީ އަލް-ސަބާހް ސަރަހައްދުގައި ހުރި ތެޔޮ މަރުކަޒަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. ސަޢޫދީ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ތުހުމަތު ކުރެއްވި ގޮތުގައި ހޫޘީން ދަނީ އެ މަރުކަޒާއި އަޑީގައިވާ ތެޔޮ ރައްކާކުރާ ތަންތަން މިސައިލާއި ޑްރޯން ގުދަންކުރުމަށް ބޭނުންކުރަމުންނެވެ. މީގެއިތުރުން ސަޢޫދީ އަރަބިއްޔާއިން ވަނީ ރައުސް ޢީސާ ބަނދަރުގައި ހުރި ތެޔޮ ޓޭންކުތަކަށާއި، ޙުދައިދާ ޕްރޮވިންސްގައި ހުރި ތެޔޮ ސްޓޭޝަނަކަށް ވެސް ވައިގެ ހަމަލާތަކެއް ދީފައެވެ.

އަރަމްކޯގެ އިތުރުން ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި މިސައިލްތަކެއް ސަޢޫދީން ދިފާއުކޮށް ވައްޓާލާފައިވާ ކަމަށް އެސްޕީއޭ އިން ރިޕޯޓްކޮށްފައިވެއެވެ. ސިވިލް ޑިފެންސްގެ ތަރުޖަމާނާ ހަވާލާދީ އެސްޕީއޭ އިން ބުނި ގޮތުގައި ދިފާއުކުރި ދެ މިސައިލެއްގެ ބައިތައް ވެއްޓި ހަތަރު މީހަކަށް އަނިޔާވެ، 15 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. އަދި ރިޔާޟްގެ އުތުރުން ތިން ޑްރޯނެއް ވެސް ވައްޓާލި ކަމަށް ކޯލިޝަނުން ހާމަކޮށްފައިވެއެވެ. ހޫޘީން ވަނީ ދަހްރާންގައި ހުންނަ އަރަމްކޯގެ މައި އިދާރާގެ އިތުރުން ރިޔާޟުގެ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓާއި، އެ ސިޓީގައި ހުންނަ އަރަމްކޯގެ ރިފައިނަރީ ދޫކޮށް ދިއުމަށް ވެސް އާންމުންނަށް އަންގާފައެވެ.

ރިޔާޟްގެ އެއާޕޯޓަށް އަމާޒުކޮށް ފާއިތުވި ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި މަދުވެގެން 13 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އާދީއްތަ ދުވަހު ވެއްޓުނު ހަމަލާއެއްގައި ވެސް އިތުރު މީހަކު މަރުވެ 11 މީހުން ޒަޚަމްވިއެވެ. ހޫޘީންގެ މި ނުރައްކާތެރި ހަމަލާތަކާ ގުޅިގެން އެއާ ފްރާންސް-ކޭއެލްއެމް، އެއާ އިންޑިއާ، އިއްތިހާދު، ލުފްތަންސާ، ޑެލްޓާ، ގަލްފް އެއާ އަދި ގަތަރު އެއާވޭސް ފަދަ ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ވަނީ ސަޢޫދީ އަރަބިއްޔާއަށާއި އަވަށްޓެރި ގައުމުތަކަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ރިޔާސަތު ބެލެހެއްޓެވި ސަޢޫދީ ވަޒީރުންގެ މަޖިލީހުން އަންގާރަ ދުވަހު ބުނެފައިވަނީ، މުޅި ސަޢޫދީއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކުގެ ނަތީޖާއާ އެ ޖަމާއަތުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މީގެއިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ހޫޘީންގެ އަމަލުތައް ހުރީ ވަރަށް ގޯސްކޮށް ކަމަށާއި، މި މައްސަލައިގެ ތެރެއަށް ވަދެ ސަޢޫދީގެ މަސްލަހަތުތަކަށް އެހީތެރިވެދިނުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ކިބައިން އެދިވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޔަމަނުގެ މަސްރަހު އިތުރަށް ހޫނުވެފައިވަނީ މިދިޔަ މަހު ހޫޘީން ބައެއް މުހިންމު ސަރަހައްދުތައް ހިފުމާ ގުޅިގެން، ސަޢޫދީގެ އެހީތެރިކަމާއެކު ޔަމަން ސަރުކާރުން "ޑޯން އޮފް ޔަމަން" ގެ ނަމުގައި ފަށާފައިވާ އަސްކަރީ ހަރަކާތުގެ ސަބަބުންނެވެ. ޔަމަނުގެ ދެކުނު ހުޅަނގުގައިވާ ހޫޘީންގެ މަރުކަޒުތަކަށް އަމާޒުކޮށް އަންގާރަ ދުވަހު ސަރުކާރުގެ ފައުޖުތަކުން ވައިގެ ހަމަލާތަކެއް ދީފައިވާއިރު، ތާއިޒް ގަވަރުނަރޭޓަށް އެކަނިވެސް ނުވަ ހަމަލާއެއް ދީފައިވެއެވެ. އަދި ތާއިޒްގެ ދެކުނުގައިވާ އަލް-ޝަޤަބް ސަރަހައްދުގައި ދެފަރާތުގެ މެދުގައި ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންދާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި ތާއިޒުން ފަސް އަހަރުގެ އަންހެން ކުއްޖަކާއެކު ފަސް އާންމުން ހޫޘީންގެ ހަމަލާތަކުގައި މަރުވެ 17 މީހުން ޒަޚަމްވެފައިވާ ކަމަށް ޔަމަނީ ނެޓްވޯކް ފޯ ރައިޓްސް އެންޑް ފްރީޑަމްއިން ވަނީ ބުނެފައެވެ.