ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހެން ބައިވެރިންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މި ހަފުތާގައި ބެންކޮކްގައި ބާއްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގެ ކުރިން ''ރޮއިޓާސް'' އަށް ދެއްވި އޮންލައިން އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ބޭނުންވާ ހުރިހާ ތެލެއް ބޭރުން އެތެރެކުރާ ގައުމަކަށް ވެފައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލުމުން ހަކަތައިގެ ސަބްސިޑީއަށް ކުރާ ހޭދަ މި އަހަރު ތިން ގުނަ އިތުރުކުރަން ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ސަބްސިޑީގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓް ޑެފިސިޓް އަމާޒުކުރި 7.1 އިންސައްތައިގެ ބަދަލުގައި 9 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

Ad
rt

"ދައުލަތުގެ ހަރަދުތައް އިސްލާހުކުރުމަށް ސަރުކާރުން އޮތީ ފުރިހަމައަށް އަޒުމް ކަނޑައަޅައިގެން، އަދި އަޅުގަނޑުމެން މި އަންނަނީ މާލީ ހަމަޖެހުން ގާއިމުކޮށް ޑެފިސިޓް ކުޑަކުރުމަށް މަސައްކަތް ކުރަމުން، އެހެން ނަމަވެސް، އަޅުގަނޑުމެންގެ އިގުތިސާދު އިތުރަށް ހަރުދަނާކުރުމަށް އަދިވެސް ބޭރުގެ އެހީތެރިކަން ބޭނުންވޭ،" ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވެފަވެއެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވާއި ދަރަނީގެ ހާލަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް މަދު އަހަރުތަކުގައި އަހަރަކު 300 މިލިއަން އާއި 400 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ދަރަނި އަދާކުރުމަށް ދައްކަން ޖެހޭއިރު، އެ ފައިސާ މައިގަނޑު ގޮތެއްގައި ހަމަޖައްސާނީ ދައުލަތަށް ލިބޭ އާމްދަނީން ކަމަށެވެ. އަދި އަވަށްޓެހި އިންޑިއާއާއެކު ހަދާފައިވާ، އަންނަ އަހަރާ ހަމައަށް މުއްދަތު އޮތް 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ މި މަހުގެ ތެރޭގައި އާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޒަރީރު ވިދާޅުވީ ރިޒާވް ވަކި މިންވަރެއްގައި ހިފެހެއްޓުމަށާއި ބަފާއެއް ބިނާކުރުމުގައި ގޮންޖެހުންތަކެއް ހުރުމުން، ރިޒާވްގެ ބަފާއެއްގެ ގޮތުގައި ބެހެއްޓުމަށް ބައެއް ފެސިލިޓީތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަކަތައިގެ އަގު ބޮޑުވުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުގެ ނޭދެވޭ އަސަރު އިގުތިސާދަށް ކޮށްފައިވާއިރު، 2026 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ އެންމެ 1 އިންސައްތައިގަ އެވެ. އެހެންނަމަވެސް، އިގުތިސާދު އަލުން ކޮޅަށް ޖެހުމަށްޓަކައި އަންނަ އަހަރު 3.8 އިންސައްތައިގެ ކުރިއެރުމެއް އަދި 2028 ވަނަ އަހަރު 6.8 އިންސައްތައިގެ ކުރިއެރުމެއް ހޯދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އިގުތިސާދު ސިންދަފާތު ކުރުމަށާއި، 2028 ގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތައް 33 އިންސައްތައަށް އިތުރުކުރުމުގެ އިތުރުން ފަތުރުވެރިކަން އަލުން ވަރުގަދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ބޭންކުން ކުރިއަށް އޮތް ދެ އަހަރާއި ތިން އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު ވޭތުވެދިޔަ މަހު ވަނީ ފަސް އަހަރުގެ ދުވަހަށް 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ދަތުރުފަތުރަށް ކުރިމަތިވާ ހުރަސްތަކުން އަރައިގަނެ، އަންނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ގައުމީ އެއާލައިނަށް އިތުރު ބޯޓުތައް ކުއްޔަށް ނެގުމަށާއި، ރާއްޖޭގެ އަށްވަނައަށް އެންމެ ބޮޑު މާކެޓް ކަމަށްވާ އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ އިތުރުން، އިތުރު ހަތް އެއާލައިނަކާއެކު ދަތުރުތައް އިތުރުކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.