ހދ. ކުމުންދޫގައި ވިޔަފާރި އުސޫލުން ނުވަތަ ކޮމާޝިއަލްކޮށް ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށްޓަކައި 100،000 (އެއް ލައްކަ) އަކަފޫޓުގެ ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށް، ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލަމުން ކުމުންދޫ ކައުންސިލުން ބުނީ، މި ބިން ކުއްޔަށް ދޫކުރުމަށް ބިޑު ހުށަހަޅާ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ކުއްޔަށް ނެގުމަށް ބޭނުންވާ ބިމަށް ވަކި ބިޑު ފޮތެއްގެ ގޮތުގައިކަމަށެވެ.

Ad
rt

އެގޮތުން ބިޑު ހުށަހަޅާ ފޯމެއްގެ އަގަކީ 500 (ފަސްސަތޭކަ) ރުފިޔާއެވެ. ކައުންސިލުން ބުނި ގޮތުގައި ބިޑު ހުށަހެޅޭނީ ބިޑަށް ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ބިޑު ހުށަހަޅާ ފޯމު ގަނެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ފޯމު ގަތުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލުން ކަނޑައަޅާފައިވާ ހާއްސަ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެއެވެ.

މި ބިޑާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، ކައުންސިލްގެ އީމެއިލް (projects@kumundhoo.gov.mv) މެދުވެރިކޮށް ސުވާލު ފޮނުވުމުގެ ސުންގަޑިއަކީ 2026 އޮކްޓޯބަރު 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އެވެ. އަދި ބިޑަށް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީވެސް އެ ދުވަހުގެ ހެނދުނު 10:00 ކަމަށް ކައުންސިލުން ބުނެއެވެ.

މީގެއިތުރުން ބިޑު ފޯމަށް ފައިސާ ދައްކައި ނިންމަންޖެހޭ ސުންގަޑިއަކީ 2026 އޮކްޓޯބަރު 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޮކްޓޯބަރު 27 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި، ބިޑު ހުށަހަޅަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބިޑު ކަމަށް ކައުންސިލުން ބުނެއެވެ. އަދި ބިޑު ތައްޔާރުކުރަންވާނީ އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މައުލޫމާތު ކަރުދާހާ އެއްގޮތަށް ކަމަށްވެސް ކައުންސިލުން ވަނީ ބަޔާންކޮށްފައެވެ.