މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ބިދޭސީ ތިން މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ އަލް އަމީން (34އ) އާއި، ޕޮލިން (43އ) އަދި އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް އަމީން އަދި ޕޮލިން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެމް.ޑީ. ރަކިބް ހޮސެންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

Ad
rt

ފުލުހުންގެ ހިދުމަތުން މި އޮޕަރޭޝަން ހިންގާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކެއް އަތުލައިގެންފި

މި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ބަލައިފާސްކޮށްފައިވަނީ މާލޭގެ ހެންވޭރުގައި ހުންނަ ހ. މާދޫގެއެވެ. އަދި އެ ގެ ބަލައިފާސްކުރުމުގެ ތެރޭގައި 826 ފުޅި ބަނގުރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޮޕަރޭޝަން ހިންގި ގޭ ކައިރީ އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފަހު، ފުލުހުން ވަނީ އެތަނަށް ނޫސްވެރިން ވައްދައި، އަތުލައިގަތް ބަނގުރަލުގެ ބާވަތްތައް ވެސް ދައްކާލައިފައެވެ. އެތަނުގައި ބަނގުރަލުގެ އެކި ވައްތަރުގެ ކޭސްތައް އަތުރާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ބެލެވޭ ތަނެއްގައެވެ. މީގެއިތުރުން، އެތަނުގައި އިދާރީ ކަންކަމަށް ބޭނުންކުރާ އެހެން ސާމާނުތައް ވެސް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

ފުލުހުން ބުނީ، މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް ވިޔަފާރިކުރަމުންދިޔަ މި މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.