މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިހާރު ތަރައްޤީކުރަމުން އަންނަ އެއާޕޯޓުތަކުގެ ތެރެއިން ތާވަލާ އެއްގޮތަށް އެންމެ އަވަހަށް މަސައްކަތް ނިމޭނީ ފ. މަގޫދޫ އެއާޕޯޓުގެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ، ކުންފުންޏާ ހަވާލުކޮށްފައިވާ އެކި އެއާޕޯޓުތަކުގެ މަސައްކަތްތަކަށް ބަލާއިރު އެންމެ ހަލުވިކަމާއެކު ނިމުމަކާ ދިމާއަށް ދަނީ މަގޫދޫ މަޝްރޫޢު ކަމަށެވެ. މުޅި މަޝްރޫޢަށް ބަލާއިރު އެއާޕޯޓުގެ ބޮޑު އިންސައްތައެއް މިހާރު ވަނީ ނިންމައިލެވިފައެވެ.
އެމްޓީސީސީން ކުރިއަށްގެންދާ އެހެން މަޝްރޫޢުތަކުގެ ތަފުސީލު ހިއްސާކުރައްވަމުން ސައުދީ ވިދާޅުވީ، ހދ. މަކުނޫދޫ އެއާޕޯޓުގެ މަސައްކަތް ''އަދި ކިރިޔާ'' ފެށުނީ ކަމަށާއި، ރ. އަލިފުށީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ޖެހޭތީ އެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުން ކުރިއަށްދާނީ އައު ޑްރެޖަރާ އެކުގައި ކަމަށެވެ. އަދި ތ. ގުރައިދޫ އެއާޕޯޓުން އެމްޓީސީސީއާ ހަވާލުކުރި ބައި މިހާރު ނިމި، އެ މަސައްކަތް ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ.
"ފ. މަގޫދޫއާއި، ފ. ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް އަންނަނީކުރަމުން. އަދި ގުރައިދޫ އެއަރޕޯޓުގެ އެމްޓީސީސީއާ ހަވާލުކުރި ބައި މިހާރު ވަނީ ނިމިފައި. އެ މަސައްކަތް މިހާރު އެމްއޭސީއެލްއާއިވަނީ ހަވާލުކޮށްފައި. މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެެއަރޕޯޓުގެ މަސައްކަތް،" ސައުދީ ވިދާޅުވިއެވެ.
މަގޫދޫ އެއާޕޯޓުގައި ހިމެނޭ އިމާރާތްތަކުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. އެގޮތުން އެއާޕޯޓުގެ ފަޔާ ބިލްޑިންގ އިމާރާތްކުރުމާ ގުޅޭ އެންމެހައި މަސައްކަތްތަކާއި، ޕެސެންޖަރު ޓާމިނަލް އިމާރާތުގެ ސްޓްރަކްޗަރަލް ހުރިހާ މަސައްކަތްތަކެއް ވަނީ އެއްކޮށް ނިންމާލައިފައެވެ. މީގެއިތުރުން ރަންވޭ އަޅާ ސަރަޙައްދު ތައްޔާރުކޮށް، އެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށައިގަނެވިފައެވެ.
ދަޢުލަތުގެ ބަޖެޓުން 231 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ޢުމި މަޝްރޫޢުގެ ދަށުން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ބޮޑު ބައެއް ވެސް ވަނީ ނިމިފައެވެ. އެއާޕޯޓު ތަރައްޤީކުރުމަށް މަގޫދޫ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ސިނާޢީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރި ބަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ ހިއްކައިދީފައެވެ. މި އެއާޕޯޓުގައި ތަރައްޤީކުރަނީ 1،500 މީޓަރުގެ ރަންވޭއެކެވެ.
މަގޫދޫ އެއާޕޯޓުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭގެ ފަހުން 2023 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށި ނަމަވެސް، ދުވަސްކޮޅަކަށް މަޑުޖެހިފައި އޮތުމަށްފަހު އަލުން މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. މަސައްކަތްތަކަށް މެދުކެނޑުމެއް އައި ނަމަވެސް، މި ދައުރުގެ ތެރޭގައި އެއާޕޯޓު ނިންމައި ޚިދުމަތް ދޭން ފަށާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!