ށ. އަތޮޅު މިލަންދުއާއި ފޯކައިދޫގައި ތަރައްޤީކުރަމުން އަންނަ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި، މިލަންދޫ އިސްލާމީ މަރުކަޒުގެ މުންނާރުގެ ފުރަތަމަ ސްލެބް އަދި އާރްސީ ވޯލް ފޯމްވޯކާއި ރީއިންފޯސްމަންޓް މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އަދި ފޯކައިދޫ އިސްލާމީ މަރުކަޒުގައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމް ޝަޓަރިން އަދި ރީއިންފޯސްމަންޓުގެ މަސައްކަތްތަކެވެ.
ފޯކައިދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ 14 އޮކްޓޯބަރު 2025 ގައެވެ. މި މަޝްރޫޢަކީ 25 މިލިއަން ރުފިޔާއަށް، ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ. މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމޭއިރު 700 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި، 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލެއް ހުންނާނެއެވެ. މީގެ އިތުރުން ލައިބްރަރީއަކާއި 4 ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއަކާއި، މަރުކަޒުގައި ސޯލާ ހަރުކޮށް، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ 15 އޮކްޓޯބަރު 2025 ގައެވެ. ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމިގެންދާއިރު ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި، 4 ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހިމެނެއެވެ. އަދި އެ މަރުކަޒުގައި ސޯލާ ހަރުކޮށް، އޭސީ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިލަންދޫގައި އިސްލާމީ މަރުކަޒެއް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި ދެ ރަށުގެ އިސްލާމީ މަރުކަޒުތަކުގެ ބިންގާ އަޅާފައި ވަނީ އޮކްޓޯބަރު 2025 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ ދެ ރަށަށް ޒިޔާރަތްކުރައްވައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުތަކުގައެވެ. މި ދެ ތަން ވެސް ބިނާކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެންނެވެ.
މި އަހަރުގެ ޖުލައި މަހު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ވެސް ގިނަ އަދަދެއްގެ ދީނީ ބިނާތަކުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި 45 މިސްކިތެއްގެ މަޝްރޫޢާއި، 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢު ހިމެނެއެވެ.
މީގެ އިތުރުން 16 ޤުރުއާން ސެންޓަރުގެ މަޝްރޫޢަކާއި ވަޤްފު ބިނާކުރުމުގެ 6 މަޝްރޫޢެއް މިހާރު ވެސް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!