ކެންސަރު ބަލި ހަށިގަނޑުގައި ބަދަލުވަމުން އަދި ފެތުރެމުންދާ ގޮތް ދެނެގަތުމުގައި ފާހަގަކޮށްލެވޭ ފަދަ އިންގިލާބީ ދިރާސާތަކެއް ކުރައްވާފައިވާ މުސްލިމް ޕްރޮފެސަރ މަރިޔަމް ޖަމާލް-ހަންޖާނީ، "ކެންސަރ ރިސާޗް ޔޫކޭ" ގެ ޗީފް ކްލިނިޝަންގެ މަގާމަށް ހަމަޖައްސައިފިއެވެ.
މި މަގާމުގައި އޭނާ އިސް ދައުރެއް އަދާކުރައްވާނީ އެ ޗެރިޓީގެ ކްލިނިކަލް ރިސާޗްތައް ބައްޓަންކުރުމަށާއި، ކެންސަރުގެ ފަރުވާތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތަކުގައެވެ.
ޕްރޮފެސަރ މަރިޔަމަކީ ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރ އޮފް ކެންސަރ ޖެނޮމިކްސް އެންޑް މެޓަސްޓެސިސްއެވެ. އަދި އޭނާއަކީ ކެންސަރު ބަދަލުވަމުންދާ ގޮތާއި، ބަލި ފެތުރޭ ގޮތް، އަދި ފަރުވާތަކަށް ބަލި ގުޑާނުލާ ދިފާއު އުފައްދާ ގޮތްތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ދިރާސާވެރިއެކެވެ.
އައު މަގާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕްރޮފެސަރ މަރިޔަމް ވިދާޅުވީ، ސައިންޓިފިކް ހޯދުންތައް ބަލިމީހުންނަށް އަމަލީ ގޮތުން ފައިދާކުރާނެ ކަންކަމަށް ބަދަލުކުރުމުގައި ކެންސަރ ރިސާޗް ޔޫކޭއަކީ ވަރަށް ފާހަގަކޮށްލެވޭ ރެކޯޑެއް އޮތް ތަނެއް ކަމަށެވެ. އަދި އެ މަސައްކަތްތައް ބައްޓަންކުރުމަށް އެހީތެރިވެދިނުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކެންސަރާ ގުޅޭ ދިރާސާތަކާއި ކްލިނިކަލް ލީޑަރޝިޕްގައި ޕްރޮފެސަރ މަރިޔަމް ވަނީ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކެންސަރ ރިސާޗް ޔޫކޭ އިން ޚަރަދުކޮށްގެން، ޕްރޮފެސަރ ޗާލްސް ސްވަންޓަންއާ އެކު އޭނާ އިސްވެ ހިންގެވި 14 މިލިއަން ޕައުންޑުގެ "ޓްރޭސަރ އެކްސް" ދިރާސާއަކީ ފުއްޕާމޭގެ ކެންސަރު ބަދަލުވާ ގޮތާއި، ޓިއުމަރުގެ އެކި ބައިތަކުގައި ހުންނަ ތަފާތުތައް އަދި ބަލި ފެތުރޭ ގޮތް މެޑިކަލް ދާއިރާއިން ދެނެގަންނަ ގޮތް މުޅިން ބަދަލުކޮށްލި ދިރާސާއެކެވެ. މި ދިރާސާގައި ފުއްޕާމޭގެ ކެންސަރުގެ ވައްތަރެއް ކަމަށްވާ ނޮން-ސްމޯލް ސެލް ލަންގް ކެންސަރު ޖެހިފައިވާ ގާތްގަނޑަކަށް 800 ބަލިމީހުންގެ ހާލަތު ވަނީ ބަލި ދެނެގަތް ހިސާބުން ފެށިގެން ސާޖަރީއާއި ފަރުވާ، އަދި ބަލި އަލުން އައުމާއި ފެތުރުމާ ހަމައަށް ވަރަށް ގާތުން ބަލައި ދިރާސާކޮށްފައެވެ.
އާންމުގޮތެއްގައި ހަދާ ބަޔޮޕްސީތަކުން ޓިއުމަރުގެ ހާލަތު ފެންނަނީ ވަކި ވަގުތެއްގެ މަންޒަރެއްގެ ގޮތުގައެވެ. ނަމަވެސް ޓްރޭސަރ އެކްސް ދިރާސާއިން ހާމަވި ގޮތުގައި ޓިއުމަރަކީ އެއްގޮތަކަށް އޮންނަ އެއްޗެއްގެ ބަދަލުގައި، ގަހެއް ފަދައިން ބަދަލުވަމުން އަދި ކުރިފަޅަމުންދާ އެއްޗެކެވެ. މީގެ މައިގަނޑު ގަސްގަނޑަކީ ކެންސަރުގެ ހުރިހާ ސެލްތަކެއްގައި ހިމެނޭ އަދި އެންމެ ކުރީކޮޅު އުފެދޭ މިއުޓޭޝަންތަކެވެ. އަދި އޭގެ ގޮފިތަކަކީ ޓިއުމަރުގެ އެކި ބައިތަކުގައި ފަހުން އުފެދޭ އައު މިއުޓޭޝަންތަކެވެ. މި ދިރާސާގައި ޓިޝޫ ސީކުއެންސިންގ އާއި ލޭގެ ސާމްޕަލް ބޭނުންކޮށްގެން ހަދާ "ލިކުއިޑް ބަޔޮޕްސީ" މެދުވެރިކޮށް، މި ގޮފިތައް ފަރުވާތަކަށް ދިފާއު އުފައްދައި އެހެން ގުނަވަންތަކަށް ފެތުރޭ ގޮތް ވަގުތުން ވަގުތަށް ވަނީ ދެނެގަނެވިފައެވެ.
މި ހޯދުންތަކުގެ ސަބަބުން ކެންސަރު ފެތުރިފައިވާ އަދި ނުރައްކާ ބޮޑު ބަލިތަކަށް ފަރުވާ ދިނުމުގެ ގޮތްތަކަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ޓްރޭސަރ އެކްސް ދިރާސާއިން ދެއްކި ގޮތުގައި، ދިގު މުއްދަތަކަށް ބަލިން ރައްކާތެރިކަން ހޯދުމަށް ފަރުވާ އަމާޒުކުރަން ޖެހެނީ ހުރިހާ ސެލްތަކެއްގައި ހުންނަ މައިގަނޑު މިއުޓޭޝަންތަކަށެވެ. މީގެ އިތުރުން ލޭގައި ދައުރުވާ ކެންސަރުގެ ޑީއެންއޭ ތަހުލީލުކޮށްގެން، ސީޓީ ނުވަތަ ޕެޓް ސްކޭނުން ބަލި ފެނުމުގެ އެތައް މަހެއް ކުރިން ބަލި އަލުން އުފެދޭކަން ދެނެގަނެވި، އަވަހަށް ފަރުވާ ދިނުމުގެ ފުރުސަތު ލިބެއެވެ. އަދި ޓިއުމަރުގެ ޖެނެޓިކް ތަފާތުވުންތައް ބޮޑު ބަލިމީހުން ސާޖަރީއަށް ފަހު ވަގުތުން ދެނެގަނެ، ބޭހަށް ނުގުޑާ ގޮތް ވުމުގެ ކުރިން ފަރުވާގެ ގޮތްތައް ބަދަލުކުރުމަށް މި ހޯދުންތަކުން މަގުފަހިކޮށްދެއެވެ.
ކެންސަރ ރިސާޗް ޔޫކޭގެ ޗީފް ކްލިނިޝަންގެ ގޮތުގައި ޕްރޮފެސަރ މަރިޔަމް މަސައްކަތް ކުރައްވާނީ ގައުމީ ފެންވަރުގެ ކްލިނިކަލް ސްޓްރެޓެޖީ ބައްޓަންކުރުމަށާއި، މިފަދަ ޖެނޮމިކް ހޯދުންތައް ބޭނުންކޮށްގެން ފުރާނަ ސަލާމަތްކުރަނިވި ކްލިނިކަލް ޓްރަޔަލްތައް އަވަސްކުރުމަށެވެ. އަދި ކުރީގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، "ޓްރޭސަރ އެކްސް އިވޯ" ގެ ނަމުގައި މި ޕްރޮގްރާމް މިހާރު ވަނީ ބައިނަލްއަގުވާމީ ފެންވަރަށް ފުޅާކޮށްފައެވެ. މިއީ ފެތުރިފައިވާ ކެންސަރު ބައްޔަށް ކޮންމެ މީހަކާ ގުޅޭގޮތަށް ޚާއްސަ ފަރުވާ ދިނުމުގެ އައު ސްޓްރެޓެޖީތަކަށް މަގުފަހިކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!