ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަވާލުވުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.
މި މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިންގެ ޓީމެއް މިހާރު ދަނީ އެ އަތޮޅަށް ޒިޔާރަތްކުރައްވަމުންނެވެ.
އެގޮތުން، އެ އަތޮޅު ތުރާކުނު އިންޖީނުގެއާއި ހަވާލުވެ އެ އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެގުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ.
މީގެއިތުރުން، އެ ދަތުރުގެ ތެރެއިން އެމްޑީ ޑރ. ޢަލީ އަޒުވަރާއި އިސްވެރިންގެ ޓީމުން މިއަދު ވަނީ ހއ. ތުރާކުނު އިންޖީނުގެއާއި އާރް.އޯ ޕްލާންޓް ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި ތުރާކުނުގައި ޤާއިމުކުރެވިފައިވާ ކަރަންޓާއި ފެނުގެ ޚިދުމަތްތަކުގެ ޙާލަތު ވަޒަންކުރައްވައި، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހއ. ހޯރަފުށި އިންޖީނުގެއާ ވެސް ސްޓެލްކޯ އިން މިހާރު ވަނީ ހަވާލުވެފައެވެ. އެ އިންޖީނުގޭގައި ވެސް ސްޓެލްކޯގެ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ވެސް ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ.
ހަމައެއާއެކު، ހޯރަފުށީ އިންޖީނުގެއާއި އެ ރަށުގެ ބޮޓްލިންގ ޕްލާންޓް މަސައްކަތް ގޮސްފައިވާ ހިސާބު ވެސް މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިންގެ ޓީމުން މިއަދު ވަނީ ބައްލަވާލައްވާފައެވެ. ސްޓެލްކޯއިން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ހއ. އަތޮޅުގެ އިތުރު ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވާނެ ކަމަށެވެ.
ސްޓެލްކޯއިން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާ ހަވާލުވުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަދި އައްޑޫ އަތޮޅު ހުޅުދޫއާއި މީދޫގެ ކަރަންޓުގެ ޚިދުމަތާ ވެސް އެ ކުންފުނިން ވަނީ ހަވާލުވެފައެވެ. މިއާއެކު ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ސްޓެލްކޯއިން ޚިދުމަތް ދޭން ފަށާފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!