އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ގަރާރެއްގެ ދަށުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އާ ދެކޮޅަށް އެމެރިކާއިން ރަސްމީކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

އެމެރިކާ ސަރުކާރުން ނެރުނު ރިޔާސީ ގަރާރު ނަންބަރު 14203 ގެ ދަށުން، ނެދަލަންޑްސްގެ ދަ ހޭގްގައި ގާއިމުވެފައިވާ އެ ކޯޓާ ދެކޮޅަށް ސީދާ މުއައްސަސާގެ ފެންވަރުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަމުރުކޮށްފައެވެ.

Ad
rt

މި ފިޔަވަޅުތައް އިއުލާނުކޮށްފައި މިވަނީ، ރައީސް ޓްރަމްޕް ވަރަށް ބޮޑަށް އުންމީދު ކުރައްވަމުން ގެންދެވި ނޯބެލް ސުލްހައިގެ އިނާމު އެމަނިކުފާނަށް ނުލިބި އެކަމުގެ ހިތްދަތިކަމުގެ ވަގުތުގައެވެ. ނޯވޭޖިއަން ނޯބެލް ކޮމިޓީން 2026 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދިނުމަށް މިއަދު އިއުލާނުކޮށްފައިވަނީ، އިޒްރޭލުން ޣައްޒާގައި ހިންގަމުންދަނީ ގަތުލުއާންމެއް ކަމަށް ކަނޑައެޅި އދ. ގެ ތަހުގީގީ ކޮމިޝަނުގެ ކުރީގެ ވެރިޔާ އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ ހައިކޮމިޝަނަރު ނަވަނެތަމް "ނަވީ" ޕިއްލޭ އަށެވެ.

މީގެ ކުރިން އެމެރިކާގެ ސަރުކާރުން އައިސީސީގެ ވަކިވަކި ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް، މިފަހަރުގެ ފިޔަވަޅުތައް ސީދާ އަމާޒުކޮށްފައިވަނީ މުޅި ކޯޓަށް އެއްކޮށެވެ. މި ގަރާރުގެ ދަށުން، އެމެރިކާގެ ބާރު ހިނގާ ސަރަހައްދުތަކުގައިވާ އައިސީސީގެ އެންމެހައި މުދަލާއި ފައިސާ ވަނީ ހިފަހައްޓައި ފްރީޒްކޮށްފައެވެ. އަދި އެމެރިކާގެ އެއްވެސް ފަރުދަކު، މާލީ އިދާރާއަކުން ނުވަތަ ކުންފުންޏަކުން އެ ކޯޓާ އެކު އެއްވެސް މުއާމަލާތެއް ކުރުމާއި، ވިޔަފާރީގެ، ޓެކްނޮލޮޖީގެ ނުވަތަ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުންވެސް ވަނީ މަނާކޮށްފައެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަނީ ގަތުލުއާންމެއްކަން ކަނޑައެޅި ނަވީ ޕިއްލޭ އަށް ނޯބެލް ސުލްހައިގެ އިނާމު

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ އައިސީސީއާ އެކު މިހާރު މުއާމަލާތުކުރަމުންދާ ކުންފުނިތަކަށާއި ޖަމިއްޔާތަކަށް، އެ ފަރާތްތަކުގެ ވިޔަފާރި މުއާމަލާތުތައް ނިންމުމަށްޓަކައި ހަ މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މި ފިޔަވަޅުތަކުގެ ބޭނުމަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނާ ދެކޮޅަށް މަސައްކަތް ކުރުމަށް އައިސީސީއަށް ލިބޭ ވަސީލަތްތައް ހުއްޓުވައި، އެ ކޯޓުގެ ހަރަކާތްތައް ''ވާގިނެތިކޮށްލުން'' ކަމަށެވެ. އެމެރިކާއިން މި ފިޔަވަޅު އަޅާފައިވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވި އެމެރިކާގެ އަސްކަރީ ސިފައިންނާ ގުޅޭގޮތުން އައިސީސީން ކުރިއަށްގެންދާ ތަހުގީގުތަކާއި، އިޒްރޭލުގެ އިސް ވެރިން ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުތަކާ ގުޅިގެންނެވެ.

އެމެރިކާގެ މި ފިޔަވަޅުތައް ކުށްވެރިކޮށް އައިސީސީގެ މަންދޫބުން ބުނީ، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސްއަޅައި، އެކަންކަން ބަލިކަށިކޮށްލުމަށް ކުރި ކަމެއް ކަމަށެވެ. އަދި މިފަދަ ފިޔަވަޅުތަކެއް އެޅި ނަމަވެސް، ކޯޓުގައި މިހާރު ހިނގަމުންދާ އެންމެހައި މައްސަލަތަކުގެ ތަހުގީގުތަކާއި ދައުވާކުރުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ކޯޓުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އައިސީސީ ގާއިމުވެފައިވާ ގައުމު ކަމަށްވާ ނެދަލަންޑްސްގެ ފޮރިން މިނިސްޓަރު ޓޮމް ބެރެންޑްސެން ވަނީ އެމެރިކާގެ މި ނިންމުމަކީ "ބޭނުންނުވާ ފަދަ ނުތަނަވަސްކަން އިތުރުވެގެން ދިޔުމެއް" ކަމަށް ސިފަކުރައްވައިފައެވެ. އަދި ކޯޓު ހިންގާ ގައުމުގެ ހައިސިއްޔަތުން ނެދަލަންޑްސްގެ ކަމާބެހޭ އިދާރާތަކުންނާއި ޔޫރަޕުގެ ބައިވެރިން ގުޅިގެން އެ ކޯޓުގެ ހިންގުމާއި މަސައްކަތްތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕަށް ނޯބަލް ސުލްހައިގެ އިނާމް ހައްގުވާކަމަށް ފާޅުގައި ވަކާލާތުކުރަނީ އިސްރާއީލް އެކަންޏެވެ. ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެން އިސްރާއީލްގެ އަނިޔާވެރިކަން މުޅި ސަރަހައްދަށް ފަތުރަން ބޮޑު ވާގިވެރިކަމެއް ވަމުން އަންނައިރު، ހަނގުރާމަ އާއި ހުރެ ދުނިޔެއަށް ނޭވާނުލެވި ޓްރަމްޕްގެ ނޮރޮހޮއްޕާން ނުޖެހޭ ރައްޔިތަކު މިއަދު ދުނިޔެއަކު ނެތެވެ. ޓްރަމްޕްގެ ހަނގުރާމައިގެ ޢަމަލުތަކާއެކު ދުނިޔޭގެ ތެލާ ގޭސް އަގުބޮޑު، ދުނިޔޭގެ އެކި ޤައުމުތަކުގައި މުދަލާއި ޚިދުމަތުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިފަދަ ބޭފުޅަކަށް ސުލްހައިގެ އިނާމް ލިބުންވާނީ ދުނިޔޭގެ މޫނުމަތީގައި ޖަހާ ތަފާލަކަށްކަން ކަށަވަރެވެ.