ވިލިމާލޭގައި ފުލުހުން އިއްޔެ ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ރާއްޖޭގެ މަގުބޫލު ތިން ފިލްމީ ތަރިން ހިމެނޭހެން ހައްޔަރުކުރި މީހުން ތިބި ކޮޓަރިއަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަތްއިރު، އެތަނުގައި ހުރި މޭޒެއްގެ މަތީގައި ހާމައަށް މަސްތުވާތަކެތި ހުރި ކަމަށް ކޯޓު އަމުރުން ހާމަވެއްޖެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ ހަތަރު މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާ ކަމުގެ ތުހުމަތެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ތިން ފިލްމީ ތަރިންނަކީ ލ. ގަން، މަތިމަރަދޫ، ކޮންކީލިޔާ، މުޙައްމަދު ވިޝާލް (ރޯމަން) (29އ) އާއި، މާލެ، ވ. ސިނާމާލެ 4 3-03، އަޙްމަދު ޢަޒްމީލް (އަޒޭ) (44އ) އަދި މާލެ، ގ. ފްލައިންގޓައިގަރ، އިސްމާޢީލް ޖުމައިޙު (35އ) އެވެ.

މި ތިން ތަރިންގެ އިތުރުން ދެން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަޒްމީލުގެ ކޮއްކޮއެއް ކަމަށްވާ މާލެ، ވ. ސިނާމާލެ 4 3-03، ޝާހިލް މުޙައްމަދު (42އ) އެވެ.

އެމީހުންގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ މީހުން ތިބި ކޮޓަރި ހުޅުވާފައިވަނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އަދި ފުލުހުން އެ ކޮޓަރިއަށް ވަތްއިރު މޭޒެއްގެ މަތީގައި މަސްތުވާތަކެތި ފެންނަން ހުންނާނޭހެން ހާމައަށް ހުރި ކަމަށް ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ ބަންދު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން، އެ ކޮޓަރިން ފެނުނު ޖުމްލަ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަށް ބަލާއިރު، އެއީ މަސްތުވާތަކެތި ޓްރެފިކިންގެ މިންގަނޑަށް އަރާ މިންވަރެއް ކަމަށް ފުލުހުން ވަނީ ބަންދު މަޖިލީހުގައި ފާހަގަކޮށްފަ އެވެ.

ފުލުހުންގެ އިދާރާއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.