ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ ފުޓުބޯޅަ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމުގެ ގޮތުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ފަރިތަކުރުން އިއްޔެ ހދ. ހަނިމާދޫގައި ބާއްވައިފިއެވެ.
މި މެޗަކީ ލީގުގައި ނޯތު ޗެމްޕިއަން ދިއްދޫ ޓީމު އަމިއްލަ ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ވުމާއެކު، އެ ޓީމުން ވެސް ދަނީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗަށް ނިއުރޭޑިއަންޓުގެ ޓީމު ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިއްދޫއަށް ގޮސްފައެވެ.
އެއަށްފަހު، ކުރިއަށް އޮތް މި މެޗަށް ޓީމު ބައްޓަންކުރުމުގެ މަސައްކަތްތައް ފަށައި، ހަނިމާދޫގައި އެ ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ.
ނިއުރޭޑިއެންޓުން ބުނީ ދިއްދޫ ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ މަސައްކަތްތައް ހަނިމާދޫގައި ކުރިއަށްދާ ކަމަށެވެ. އަދި ހަނިމާދޫގެ ރައްޔިތުންގެ ފަރާތުން އެ ޓީމަށް ކީ ހޫނު މަރުހަބާއަށާއި ބެހެއްޓި ފުރިހަމަ މެހެމާންދާރީއަށް އެ ކްލަބުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ނޯތު ޗެމްޕިއަން ދިއްދޫ ޓީމު އަމިއްލަ ފަސްގަނޑުގައި ކުޅޭ މި ފޯރިގަދަ ކުރިމަތިލުމަށް ދެ ޓީމުން ވެސް މިހާރު އަންނަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!