ދިވެހި ޕްރިމިއާ ލީގުގައި ނޯތު ޗެމްޕިއަން ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ތައްޔާރުވެފައިވާއިރު، އެ ރަށާއި ދެކޮޅަށް ކުޅުމަށް ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ، ތާރީޚީ ކްލަބް އެރަށަށް ރޭ ދިޔުމުން ކީ ހޫނު މަރުޙަބާއަށް އެ ކްލަބުން ޝުކުރު އަދާކޮށްފިއެވެ.

އުތުރުގައި ކުޅޭ މި ތާރީޚީ މެޗަށް ނިއުގެ ޓީމު ރޭ ވަނީ ދިއްދޫ އަށް ގޮސްފައެވެ.

Ad
rt

ނިއުއިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗަށް، އެ ކްލަބް އެރަށަށް ދިއުމުން ވަނީ ކުލަގަދަ ސަގާފީ މަރުހަބާއެއް ކިޔާފައިކަމަށެވެ. އަދި އަދާކުރި ފުރިހަމަ މެހެމާންދާރީއަށާއި ކީ ހޫނު މަރުހަބާއަށް ވަރަށް ބޮޑަށް އެ ކްލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ނިއު އާއި ދިއްދޫގެ ކުރިމަތިލުން އޮންނާނީ އޮކްޓޯބަރު 10 ވަނަ ދުވަހު ހަވީރުއެވެ. އެއީ ދިއްދޫ ލީގުގައި ކުޅޭ ހަތަރު ވަނަ މެޗެވެ. ދިއްދޫގެ ފުރަތަމަ މެޗުގައި ވަނީ 1-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ވިކްޓްރީ ސްޕޯޓްސް އަތުން ބަލިވީ ވާދަވެރިކުޅުމަކަށްފަހު 4-3 ލަނޑުންނެވެ. އަދި ތިންވަނަ މެޗުގައި ބިސް ބުރު ސްޕޯޓްސް ކްލަބު އަތުން ވަނީ 1-0 އިން ހަނިގޮތަކަށް ބަލިވެފައެވެ.

ދިއްދޫގެ ފަސް ވަނަ އަދި ހަވަނަ މެޗު ވެސް އޮންނާނީ ރަށުގައެވެ. މީގެ ތެރެއިން ފަސް ވަނަ މެޗުގައި އީގަލްސް އާއި ދެކޮޅަށް ނުކުންނާނީ އޮކްޓޯބަރު 16 ގައެވެ. ހަ ވަނަ މެޗުގައި ޓީސީ އާއި ދެކޮޅަށް ނުކުންނާނީ އޮކްޓޯބަރު 21 ގައެވެ.

ދިއްދޫގެ ހަތްވަނަ މެޗު ނޮވެމްބަރު 23 ގައި މާޒިޔާ އާއި ދެކޮޅަށް ކުޅޭނެއެވެ. އަށްވަނަ މެޗުގައި 27 ނޮވެމްބަރުގައި އޮޑި ސްޕޯޓްސް އާއި ދެކޮޅަށް ދިއްދޫ ނުކުންނައިރު، ލީގުގެ ފަހު މެޗުގައި ޑިސެމްބަރު 4 ގައި ނުކުންނާނީ ގައްދޫ އާއި ދެކޮޅަށެވެ. މީގެ ތެރެއިން މާޒިޔާ އާއި އޮޑި މެޗު ކުޅޭނީ ގަލޮޅު ދަނޑުގައެވެ. ގައްދޫ އާއި ކުޅޭނީ ދިއްދޫގައެވެ.

ދިއްދޫއަކީ އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅުނު ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ދިއްދޫ އިން ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1ގެ ރަނަރަޕްގެ މަގާމު ހޯދާފައިވާއިރު އެ ޓީމު ވަނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ދިއްދޫ ނޯތު ރީޖަނަލްގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ. އަދި ދިވެހި ޕްރިމިއާ ލީގަށް އެޓީމު ކޮލިފައިވީ އަނެއް ތިން ރީޖަންގެ ޗެމްޕިއަނުން ބަލިކޮށް ރެކޯޑަކާއެކުއެވެ.