ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫ ކުޅޭ ފުރަތަމަ ހޯމް މެޗުގައި، އެ ޓީމަށް ހިތްވަރުދީ ސަޕޯޓުކުރުމަށް ދާން ބޭނުންވާ ބާރަށު ރައްޔިތުންނަށް ޚާއްސަ ފެރީ ދަތުރެއް ހަމަޖައްސައިފިއެވެ.
މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ދިއްދޫގައެވެ.
ބާރަށު ކައުންސިލުން ހާމަކުރި ގޮތުގައި، ދިއްދޫ ޓީމަށް ސަޕޯޓްކުރަން ދާ މީހުންނަށް ޚާއްޞަކޮށްފައިވަނީ ހއ. އަތޮޅު ފެރީއެވެ. އަދި މި ފެރީން ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނީ، 105 މީހުންގެ ޖާގަ ފުރެންދެން ކަމަށްވެސް އެ ކައުންސިލުން ބުނެފަވެއެވެ.
ފެރީން ދަތުރުކުރާ ފަރާތްތަކަށް ޓިކެޓް ދޫކުރުން އޮންނާނީ މެޗު އޮންނަ ދުވަހުގެ މެންދުރުފަހު 15:00 ގައި ސީދާ ފެރީންނެވެ. އަދި ފެރީ ފުރުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރުފަހު 15:15 ގައެވެ.
ކައުންސިލުން ބުނި ގޮތުގައި، ފެރީގައި ދިއުމަށާއި މެޗަށްފަހު އެނބުރި އައުމަށްވެސް މި ޓިކެޓް ދައްކަންޖެހޭނެއެވެ. މީގެއިތުރުން، ސްކޫލް ދަރިވަރުންނަށް މި ދަތުރުގައި ބައިވެރިވެވޭނީ ބެލެނިވެރިއަކާއެކުގައި ކަމަށްވެސް އެ އިދާރާއިން ވަނީ ބަޔާންކޮށްފައެވެ.
މި ދަތުރުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން، ދިއްދޫ ޓީމަށް ސަޕޯޓްކުރުމުގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ބާރަށު ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
އޮކްޓޯބަރު 10 ވަނަ ދުވަހު ހަވީރު ކުޅޭ މި ކުރިމަތިލުމަކީ ދިވެހި ޕްރިމިއަރ ލީގުގައި ދިއްދޫ ސްޕޯޓްސް ކްލަބުން ކުޅޭ ހަތަރު ވަނަ މެޗެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ދިއްދޫ ފުޓުބޯޅަ ދަނޑުގައި ކުޅޭ މި ތާރީޚީ މެޗު ބަލައިލުމަށް، ދިއްދޫ ކައުންސިލުން ވަނީ ބޮޑުތިލަދުންމަތީގެ އެންމެހައި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!