ހދ. މަކުނުދޫގެ އެކި މަގުތަކާއި ގޯޅިތަކުގައި ހަރުކުރެވިފައިވާ، މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނައްޓަމުންދާތީ، އެކަން ނުކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މި ކަމާގުޅިގެން ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނެއްޓުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމެއްކަމަށެވެ. އަދި އެ ގޮތަށް ބައްތިތަކުގެ ކަވަރުތައް ނެއްޓުމުގެ ސަބަބުން، ބައްތީގެ އެތެރޭގައި ހުންނަ ކަރަންޓު ނަރުތައް ބޭރަށް ހާމަވުމުން، މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނާއި، ޚާއްޞަކޮށް ކުޑަކުދިންނަށް ކަރަންޓުން ލިބޭ ގެއްލުން ބޮޑުވާނެކަމަށާއި، ފުރާނައަށް ނުރައްކާވެދާނެކަމުގެ ފުރުސަތު ބޮޑުކަމުގައި ވެސް މަކުނުދޫ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ވާރޭ ވެހޭއިރު ނުވަތަ ފެން ޖެހުމުގެ ސަބަބުން ބައްތީގެ އެތެރެއަށް ފެންވަދެ، ޝޯޓްސާކިޓް ވެ، މުޅި ސަރަހައްދުން ކަރަންޓު ކެނޑުމަށް މެދުވެރިވެދާނެކަމަށް ވެސް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، އެއްވެސް ފަރާތަކުން މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނުނެއްޓުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި މި ފުރުސަތުގައި، މިފަދަ ކަންކަމުގައި ރައްޔިތުން ދެއްވާ އެއްުބާރުލުން ފާހަގަކޮށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!