ށ. ކަނޑިތީމުގެ ލޯކަލް ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ރަށުގެ އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތެއް ކަމަށްވާ "ވިޒިޓް ކަނޑިތީމު" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫއަކީ މުޖުތަމައު އިސްނަގައިގެން، ރަށުގެ އިގްތިސާދީ ބާރުވެރިކަން އިތުރުކުރުމަށާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށް ފެށި މަސައްކަތެކެވެ.
ކަނޑިތީމު ކައުންސިލް އިދާރާގެ ހޯލާއި އޮންލައިންކޮށް ގުޅާލައިގެން ހައިބްރިޑް ފޯމެޓެއްގައި ބޭއްވި މި ރަސްމިއްޔާތުގައި ރަށުގެ އިސްވެރިންނާއި، ކަމާގުޅޭ އެކި މުއައްސަސާތަކުގެ މަންދޫބުންނާއި، ޕާޓްނަރު ޖަމިއްޔާތައް އަދި އެހީދޭ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ހަފުލާގައި ހިއްސާދާރުން ވާހަކަދައްކަވާފައިވާއިރު، މުޖުތަމައުގެ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ރަސްމީކޮށް ވަނީ ސޮއިކޮށްފައެވެ.
މި އިނީޝިއޭޓިވްގެ ފުރަތަމަ ފިޔަވަހީގައި ހާސިލުކުރެވުނު ކާމިޔާބީތައް ވެސް މި ރަސްމިއްޔާތުގައި ވަނީ ދައްކާލާފައެވެ.
އޭގެ ތެރޭގައި ރަށުގެ ވިޔަފާރިވެރިންނާއި މަސައްކަތްތެރިންގެ ހުނަރު އިތުރުކުރުމަށް ހިންގުނު ޕްރޮގްރާމްތަކާއި، އަލަށް ތައާރަފުކުރި "ވިޒިޓް ކަނޑިތީމު" ވެބްސައިޓް ހިމެނެއެވެ. ފުރަތަމަ ފިޔަވަހި ނިންމާލުމަށްފަހު، މިހާރު ވަނީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށާފައެވެ.
މި މަޝްރޫއަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޮސްޓްރޭލިއަން ގަވަރމަންޓްގެ ޑައިރެކްޓް އެއިޑް ޕްރޮގްރާމް (ޑީއޭޕީ)، ދަ އޭޝިއާ ފައުންޑޭޝަން އަދި ޔޫރަޕިއަން ޔޫނިއަނުންނެވެ. އަދި މި މަސައްކަތުގައި ކަނޑިތީމު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)، ބްލޫ ގިލްޑް ފައުންޑޭޝަން، ސީކްރެޓް ޕެރަޑައިސް މޯލްޑިވްސްގެ އިތުރުން ރަށުގެ ވިޔަފާރިތަކުން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!