އުރީދޫ މޯލްޑިވްސްއިން ފާހަގަކުރަމުންދާ ކަސްޓަމަރ ސަރވިސް ވީކާ ގުޅިގެން، ކަސްޓަމަރުންގެ އަޑު ސީދާ އަހައި އެމީހުންގެ ތަޖުރިބާތައް ދެނެގަތުމަށްޓަކައި އެ ކުންފުނީގެ މެނޭޖްމަންޓާއި އެކި ޓީމުތަކުގެ ސީނިއަރ މުވައްޒަފުން ކަސްޓަމަރުންނަށް ޚިދުމަތްދޭ މައި މަރުކަޒުތަކަށް ނުކުމެ މަސައްކަތްކުރަން ފަށައިފިއެވެ.
އޮކްޓޯބަރު 4 އިން 8 ގެ ނިޔަލަށް މި ހަފްތާ ފާހަގަކުރަމުންދާއިރު، ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށާއި ކަސްޓަމަރުންގެ ޚިޔާލު ހޯދުމަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
މި ހަފްތާގެ ތެރޭގައި، އުރީދޫ މޯލްޑިވްސްގެ އިސްވެރިން ދަނީ ކަސްޓަމަރުންނަށް ޚިދުމަތްދޭ މައިގަނޑު މަރުކަޒުތަކަށް ޒިޔާރަތްކޮށް، ކަސްޓަމަރުންނާ ސީދާ ބައްދަލުކުރަމުންނެވެ. އަދި ފްރަންޓްލައިން މުވައްޒަފުންނާއެކު އަމަލީ ގޮތުން މަސައްކަތްކޮށް، ކަސްޓަމަރުންގެ ސުވާލުތަކާއި ޚިޔާލުތައް އަޑުއެހުމާއި، ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވެސް އިސް މުވައްޒަފުން ދަނީ ކުރަމުންނެވެ.

މި އިސްނެގުމުގެ މައިގަނޑު އަމާޒަކީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ ހަގީގަތްތަކާ ގާތަށް ކަންކަން ނިންމާ ފަރާތްތައް ގެނައުމެވެ. ފްރަންޓްލައިން ޓީމުތަކުގެ މަގާމަށް ނުކުމެ މަސައްކަތް ކުރުމުގެ ސަބަބުން، ކަސްޓަމަރުންގެ ތަޖުރިބާ ބައްޓަންކުރާ ދުވަހުން ދުވަހުގެ މުއާމަލާތްތަކާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް އިސް މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި މީގެ އިތުރުން، މި ހަރަކާތުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާތައް ސީދާ އެމީހުންގެ ފަރާތުން އެހުމަށާއި، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތައް ދެނެގަތުމަށް ފުރުސަތު ލިބިގެންދެއެވެ. މިގޮތުން އެއްކުރެވޭ ޚިޔާލުތަކުގެ އެހީގައި، މަސައްކަތްތައް އިތުރަށް ފަސޭހަކުރުމަށާއި، ޚިދުމަތް ފޯރުކޮށްދިނުން ހަރުދަނާކުރުމުގެ އިތުރުން ކުންފުނީގެ އެކި ޗެނަލްތަކުގައި ކަސްޓަމަރުންނަށް އިތުރަށް ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް ހުރި ފުރުސަތުތައް ދެނެގަނެވޭނެއެވެ.

ކަސްޓަމަރ ސަރވިސް ވީކަކީ، މުޅި ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް އިތުބާރުހުރި އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް އުރީދޫގެ ފްރަންޓްލައިން އަދި ކަސްޓަމަރ ސަޕޯޓް ޓީމުތަކުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން މި ހަފްތާގެ ތެރޭގައި ކަސްޓަމަރުންނާ ކުރެވޭ ކޮންމެ މުއާމަލާތެއްގެ ފަހަތުގައި ތިބި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނި ގޮތުގައި، މި އިސްނެގުމުން ދައްކުވައިދެނީ ކުންފުނީގެ އޮޕަރޭޝަންތަކުގެ އެންމެ މުހިންމު ބަޔަކީ ކަސްޓަމަރުން ކަމުގައި ހެދުމަށް ދޭ އަހައްމިއްޔަތުކަމެވެ. އަދި ޚިދުމަތްތަކާއި ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގައި ކަސްޓަމަރުންގެ އަޑަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ކަށަވަރުކުރުމަށް އެ ކުންފުނިން އަބަދުވެސް އިސްކަންދޭނެ ކަމަށް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!