ށ. ނޫމަރާގައި ތަރައްޤީ ކުރެވުނު "ޒިޔާރަތު ބީޗު" ނިންމައި، އާންމުންނަށް ހުޅުވާލައިފިއެވެ.

ނޫމަރާ ކައުންސިލްގެ ރައީސް އިބްރާހީމް ފުއާދު "ތިލަދުން"އަށް ވިދާޅުވީ ބީޗު ހެދުމުގެ މަސައްކަތަކީ، ރަށުގެ އާންމު ފަރާތްތަކަކުން ކޮށްދެއްވި އަގުހުރި މަސައްކަތެއްކަމަށެވެ. މި ބީޗް ހެދުމަށް ބޭނުންވާ ބައެއް ތަކެތި ކައުންސިލުން ފޯރުކޮށްދިން ނަމަވެސް، މި ބީޗު މިހާ ފުރިހަމައަށް ނިންމައިލެވުނީ އެ ފަރާތްތަކުގެ މިންނެތް މަސައްކަތުން ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

Ad
rt

ރަށުގެ އިރުމަތީ ފަރާތުގައި އޮތް މި ބީޗު ނިންމައި، ރަސްމީކޮށް ކައުންސިލާ ޙަވާލުކޮށްފައި ވަނީ 05 އޮކްޓޫބަރު 2026ވީ ހޯމަދުވަހުއެވެ.

ނޫމަރާ ޒިޔާރަތް ބީޗު ހުޅުވައިދެއްވަނީ، ފޮޓޯ: ކައުންސިލް

ޕިކްނިކް އޭރިއާއެއް ގޮތަށް ތަރައްޤީ ކޮށްފައިވާ މި ބީޗަކީ، ހިތްހަމަޖައްސާލުމަށް، ޒިޔާރަތްކޮށްލަން ވެސް އެކަށީގެންވާ ހިތްފަސޭހަ މާޙައުލެކެވެ.

މި ބީޗު ހުޅުވުމުގެ ރަސްމިއްޔާތުގައި ރަށުގެ ރައްޔިތުން ބައިވެރިވެފައިވާއިރު، މިހާރު ވެސް މި ކަމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް ނޫމަރާ ކައުންސިލުން ފާހަގަކުރެއްވިއެވެ.

ނޫމަރާ ޒިޔާރަތް ބީޗުގައި ބާބަކިއުއެއް ކުރިއަށް ދަނީ، ފޮޓޯ: ކައުންސިލް

އާންމުކޮށް ކޮންމެ ވަގުތެއްގައި ވެސް "ޒިޔާރަތު ބީޗު" ބޭނުން ކުރެވޭ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، ވަކި ދުވަހެއްގެ ވަކި ވަގުތަކަށް، މުޅި ސަރަޙައްދު ބޭނުންވާ ނަމަ، ކުރިޔާލައި ކައުންސިލަށް އެންގުމުން އެ ފަރާތަކަށް، ޚާއްޞަކޮށްގެން ބީޗު ބޭނުން ކުރެވޭނެ އިންތިޒާމް ކައުންސިލުން ހަމަޖަައްސައިދޭނެކަމަށް ނޫމަރާ ކައުންސިލުން މި ނޫހާ ޙިއްސާ ކުރެއްވިއެވެ. މިފަދައިން ވަކި ފަރާތަކަށް ޚާއްޞަކޮށްގެން ޕްރައިވެޓްކޮށް ބީޗު ބޭނުން ކުރުމުގެ ފުރުޞަތު ހަމަޖައްސައިދެނީ އެއްވެސް އަގަކާ ނުލައި ހިލޭ ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މީގެއިތުރުން، އެ މަސައްކަތް އެހާ ފުރިހަމައަށް ނިންމައިދެއްވީތީ، އެ ކަމުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ކައުންސިލާއި ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ.