ނޭޝަންސް ލީގުގައި މިދިޔަ އާދީއްތަ ދުވަހު އަޔަލެންޑާއި އިސްރާއީލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އަޔަލެންޑުގެ ކޯޗިން ސްޓާފަކަށް އިސްރާއީލުގެ ކުޅުންތެރިއަކު ކުޅުޖެހި ކަމަށް ބުނާ މައްސަލަ ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ (ޔުއެފާ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި އެ ނޫސް އެޖެންސީއަށް އަންގާރަ ދުވަހު ޔުއެފާއިން ފޮނުވި އީމެއިލް ބަޔާނެއްގައި ބުނީ، މެޗުގެ ހާފްޓައިމްގައި ޓަނަލް ސަރަހައްދުގައި ހިނގައިދިޔަ ކަމަށް ބުނާ ހާދިސާގެ ރަސްމީ ރިޕޯޓްތައް ބެލުމަށްފަހު، ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަންކަމާ ގުޅޭގޮތުން އަދަބީ ތަހުގީގެއް ހިންގުމަށް ޔުއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓަރަކު އައްޔަންކޮށްފައިވާ ކަމަށެވެ. މިއީ ސާބިއާގައި ކުޅުނު އެ މެޗުގައި ކުޅުންތެރިއެއްގެ ނުވަތަ ކުޅުންތެރިންތަކެއްގެ ފަރާތުން ފެނިފައިވާ ނޭދެވޭ އަމަލުތައް ބެލުމަށް ކުރިއަށްގެންދާ ތަހުގީގެކެވެ.
ސާބިއާގެ ބަކާ ޓޮޕޯލާގެ ޓީއެސްސީ އެރީނާގައި ކުޅުނު މި މެޗުގައި ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް ހޫނު ބަސްބަދަލުކުރުންތަކެއް ހިނގާފައިވެއެވެ. އަޔަލެންޑުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާފްޓައިމްގެ ކަށިގަނޑާއެކު ޓީމުތައް ޗޭންޖިން ރޫމަށް ވަންނަން ދިޔަ ވަގުތު، އަޔަލެންޑުގެ އެތުލެޓިކް ކޯޗު ޑޭމިއަން ޑޮއިލްގެ ގަޔަށް އިސްރާއީލުގެ ކުޅުންތެރިއަކު ކުޅުޖެހި ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ހާދިސާއާ ގުޅޭގޮތުން ސުވާލުކުރުމުން އަޔަލެންޑުގެ ހެޑް ކޯޗު ހެއިމިރް ހަލްގްރިމްސަން ވަނީ އެކަމުގެ ތަފުސީލު ދިނުމަށް ދެކޮޅު ހަދައިފައެވެ. އޭނާ ބުނީ އެ ވަގުތު އެތަނުގައި އޭނާ ހުރި ކަމަށާއި، ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އަދި އެއީ ޑިސިޕްލިނަރީ ކޮމިޓީން ބަލާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އަޔަލެންޑުގެ ގައުމީ ބްރޯޑްކާސްޓަރު އާރްޓީއީއަށް ވާހަކަދައްކަމުން ހަލްގްރިމްސަން އިތުރަށް ބުނީ، މެޗުގެ ތެރޭގައި ހާލަތު ގޯސްވެގެން ހިނގައިދާނެ ފަދަ އެތައް ކަމެއް ހިނގި ކަމަށެވެ. ކަންކަން މާ މައްޗަށް ދިޔުމުގެ ކުރިން އެކަން ހުއްޓުވުމުގެ ވިސްނުން އަޔަލެންޑް ޓީމުގައި ހުރި ކަމަށާއި، އިސްރާއީލުގެ ބޭނުމަކީ އަޔަލެންޑަށް ބިރުދައްކައި، ގޯސް ކަމެއް ކުރުވުން ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ބުންޏެވެ. އަދި އަޔަލެންޑުގެ ކުޅުންތެރިން އެމީހުންގެ ޖަޒުބާތުތައް ކޮންޓްރޯލްކުރި ގޮތަށް އޭނާ ވަނީ ތައުރީފުކޮށްފައެވެ.
މި މައްސަލައިގައި އިސްރާއީލުގެ ކޯޗު ރާން ބެން-ޝިމޯން ބުނީ، އެ ހާދިސާ ހިނގި ވަގުތު އޭނާ ހުރީ ސައިޑްލައިން ދޫކޮށް ގޮސް ކަމަށާއި، އެހެންކަމުން އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށެވެ. ހާފްޓައިމްގައި އޭނާ ހުރީ ސްޓާފުންނާއެކު ޗޭންޖިން ރޫމުގެ އެތެރޭގައި ކަމަށް ބުނެ، ކަންހިނގި ގޮތް ބަލައި ޔަގީންކުރުމަށްފަހު ނޫސްވެރިންނަށް ޖަވާބެއް ދޭނެ ކަމަށް އޭނާ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!