ހއ. ތަކަންދޫގައި އަންހެނުންނަށް ޚާއްޞަ ވޮލީ ކޯޗިން ކޭމްޕެއް ފަށައިފިއެވެ.
މިއީ ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އިން އިސްނަގައިގެން، ތަކަންދޫ ކައުންސިލް އާ ތަކަންދޫ ޕޮލިސް އާ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
ޖުމްލަ 12 ބައިވެރިން ހިމެނޭ މި ކޭމްޕް ކުރިއަށް ގެންގޮސްދެއްވަނީ ޕޮލިހުންކަމުގައި އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
ތަކަންދޫ ކައުންސިލްގެ ރައީސް ޢަބްދުއްރައްޒާޤް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ފަދަ ކޭމްޕެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރި މަޖާ މާޙައުލެއް އުފެއްދުމަށް ކަމަށެވެ. އަދި ރަށުގެ އަންހެންވެރިންގެ އެއްބާރުލުމާއެކު، އެ ރަށުގައި ވޮލީޓީމެއް މިހާރު އުފައްދާފައިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިފަދަ ކޮންމެ ކަމަކަށް ވެސް ދިމާވާ އެންމެ ބޮޑު ހުރަހަކީ ރަށުގެ އާބާދީ މަދުވުން ކަމަށް ވިޔަސް، ތަކަންދޫގައި އަންހެން ވޮލީ ޓީމެއް އޮތުމަކީ އެ ކައުންސިލްގެ އުއްމީދެއްކަމަށް ރައްޒާޤް މައުލޫމާތުދެއްވިއެވެ.
"ކައިރި ރަށްރަށަށް ދަތުރުކޮށްގެން، ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދެ މަހުން އެއް މަހު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅުމަށް މިހާރު ވަނީ މަޝްވަރާކުރެވިފައި." ރައްޒާޤް ވިދާޅުވިއެވެ.
އެ ގޮތުން ހއ. މާރަންދޫ އަދި ހދ. ފިނޭއަށް ގޮސް މިހާރު ވެސް އެކުވެރިކަމުގެ މެޗުތައް ކުޅެފައިވާނެކަމަށް ރައްޒާޤް ވިދާޅުވިއެވެ. އަދި އެ ރަށްރަށަށް ދަޢުވަތު ދީގެން ތަކަންދޫގައި ވެސް އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ދެއްވާފައިވެއެވެ.
ކުރިއަށް ރޭވިފައި ހުރި ހަރަކާތްތަކާ ގުޅޭ ގޮތުން އެ ކައުންސިލުން ބުނީ، ނޮވެމްބަރު 11 އަށް މުއައްސަސާތަކުގެ ވޮލީ މުބާރާތެއް ބޭއްވުމަށް މަޝްވަރާ ކޮށްފައިވާކަމަށާއި ތިން މުޢައްސަސާާއަކުން އެކަމަށް އެއްބާރުލުން ދެއްވާފައިވާކަމަށެވެ.
ހަމައެއާއެކު ތަކަންދޫ ކުޅިވަރު ފިއެސްޓާ، ސްކޫލް ބަންދާ ދިމާކޮށް، ޑިސެމްބަރު މަހު ބޭއްވުމަށް ތައްޔާރުވަމުންދާ ކަމުގައި ވެސް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. އެ ފިއެސްޓާކައި ފިރިހެނުންނަށް ޚާއްސަކޮށް ފުޓްސަލް އަދި އަންހެނުންނަށް ވޮލީ މުބާރާތެއް ބޭއްވުމަށް ހިމަނާފައިވެއެވެ. އެ މުބާރާތަކީ، ރަށުން ބޭރުގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ފަދައިން އިންތިޒާމްކުރާ މުބާރާތެއްކަން ކައުންސިލުން ފާހަގަކުރެއެވެ.
ކައުންސިލްގެ ކުޅިވަރު ފިއެސްޓާގެ އެންމެ ބޮޑު މަޤްޞަދަކީ، ރަށުން ބޭރުގައި ދިރިއުޅޭ ރަށުގެ ރައްޔިތުން ރަށަށް އައިސް ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކޮށް، އުފާވެރި މަޖާ މާޙައުލެއްގައި ޗުއްޓީ ހޭދަކޮށް، ރަށަށް ދިރުން ގެނެސްދިން ކަމުގައި ތަކަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!