އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ކުޅެދިނުމަށް ފަހު، އެ ގައުމުގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ ގައުމީ ޖާޒީގައި ކުޅޭ ފަހު މެޗަށް މުޅި އާޖެންޓީނާ ތައްޔާރުވެއްޖެ އެވެ.

ބުއެނޮސް އައިރިސްގެ އެސްޓާޑިއޯ މޮނިއުމެންޓަލްގައި 85،000 ސަޕޯޓަރުންގެ ކުރިމަތީގައި އަންގާރަ ދުވަހު ބެނިންއާ ދެކޮޅަށް ކުޅޭ މި ރަހުމަތްތެރިކަމުގެ މެޗަކީ އާޖެންޓީނާގެ ފުޓްބޯޅައިގެ ރަން ޒަމާނެއް ނިމި، އައު ޖީލެއްގެ ފެށުން ރަމްޒުކޮށްދޭ ތާރީޚީ ކުރިމަތިލުމެކެވެ.

Ad
rt

އުމުރުން 39 އަހަރުގެ މެސީ ގައުމީ ޓީމާ އަލްވަދާއު ކިޔަނީ އާޖެންޓީނާގެ ފުޓްބޯޅަ އެންމެ އުހަށް ގެންގޮސްދިނުމަށް ފަހު އެވެ. ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ޗެމްޕިއަންކަމުގެ އިތުރުން ދެ ފަހަރަށް ކޮޕާ އެމެރިކާ އަދި ފައިނަލިސިމާ އެ ގައުމަށް ހޯދައިދިން މެސީ ދަނޑުން ފައިބަނީ އާޖެންޓީނާގެ ޝަރަފުވެރި ރެކޯޑުތަކާ އެކުގަ އެވެ. އެގޮތުން އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 207 މެޗުގައި 125 ލަނޑު ޖަހައިދީ، 68 ލަނޑު ޖެހުމަށް މަގުފަހިކޮށްދީފަ އެވެ. މިއީ އެ ގައުމުގެ ތާރީޚުގައި ވެސް ކުޅުންތެރިއަކު ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީ އެވެ.

މެސީގެ އަލްވަދާއީ މެޗު މި ބާއްވަނީ ނިއު ޖާޒީގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ފައިނަލުން އާޖެންޓީނާ ބަލިވި މެޗަށް ދެ މަހާއި ބައި ފާއިތުވި ފަހުންނެވެ. އޮގަސްޓް މަހު ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާވާކަން އިއުލާނު ކުރަމުން މެސީ ބުނެފައިވަނީ، އޭނާގެ ހުރިހާ އެއްޗެއް ގައުމަށް ދީފި ކަމަށާއި، ދެން އިތުރަށް ދޭނެ އެއްޗެއް ނެތް ކަމަށެވެ. އަދި ފުރުސަތު ހައްގު މޮޅެތި ޒުވާން ކުޅުންތެރިން ކުރިއަރަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ. އެމެރިކާގެ އިންޓަ މިއާމީއާ އެކު 2028 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓުގައި ހުރި ނަމަވެސް، މީގެ ދެ މަސް ކުރިން އޭނާގެ ބައްޕަ ހޯހޭ މަރުވުމާ ގުޅިގެން، ލަފާކުރި ވަރަށް ވުރެ އަވަހަށް މުޅިން ފުޓްބޯޅަ ކުޅުން ހުއްޓާލައިފާނެ ކަމަށް ވެސް މެސީ ވަނީ ހާމަކޮށްފަ އެވެ.

ދުނިޔޭގެ ރޭންކިންގެ 93 ވަނައިގައި އޮތް ބެނިންއާ ދެކޮޅަށް ކުޅޭ މި މެޗަށް 2022 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިންނާއި އެމީހުންގެ އާއިލާތައް މެސީއާ އެކު ދަނޑުން ފެންނާނެ އެވެ. އޭގެ ތެރޭގައި 2024 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔާވި ތަޖުރިބާކާރު ކުޅުންތެރިޔާ އަންހެލް ޑި މާރިއާ ވެސް ހިމެނެ އެވެ. މެސީގެ އިތުރުން 38 އަހަރުގެ ވައިސް ކެޕްޓަން ނިކޮލަސް އޮޓަމެންޑީ ވެސް އަންގާރަ ދުވަހު ގައުމީ ޓީމަށް އަލްވަދާއު ކިޔާނެ އެވެ. އަދި މި މެޗަށް އެކަނި ސްކޮޑަށް ނެގި މިޑްފީލްޑަރު ރޮޑްރީގޯ ޑި ޕޯލް އާއި ޖިއޮވާނީ ލޮ ސެލްސޯ ވެސް ދެން ގައުމީ ޓީމުން ނުފެނުމުގެ ފުރުސަތު ބޮޑެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނީ، މިއީ އެންމެންނަށް ވެސް ދުވަހަކު ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ދުވަހަކަށް ވާނެ ކަމަށާއި، މި ވަގުތަކީ އެންމެން ވެސް އުފާކުރަންވީ ވަގުތު ކަމަށެވެ. އަދި ވޯލްޑް ކަޕް ބައްޔަށް ފަހު ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ސްކަލޯނީ ބުނީ، މެސީ ނެތްތަން ފޫބެއްދުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. ޑިއެގޯ މަރަޑޯނާގެ ޒަމާނަށް ފަހު 2005 ވަނަ އަހަރު މެސީ ގައުމީ ޓީމަށް ކުޅެން ފެށިއިރު އުފަން ވެސް ނުވާ ފްރެންކޯ މަސްތަންތުއޯނޯ އާއި ލިއޮނެލް ފްލޯރެސް ފަދަ އެތައް ޒުވާނުންނެއް މިހާރު ވަނީ ޓީމާ ގުޅިފަ އެވެ.

މެސީ އަށް ފަހު އާޖެންޓީނާގެ ލީޑަޝިޕް ބަދަލުވާނީ 2022 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އެހެން ކުޅުންތެރިންގެ އަތްމައްޗަށެވެ. އެގޮތުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް މެސީ އެޅި ކެޕްޓަން ބޭންޑް ދެން އަޅާނެ ކަމަށް ބެލެވެނީ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އެވެ. އޭނާގެ ފަހަތުން ކެޕްޓަންކަމުގެ ތަރުތީބުގައި ދެން ތިބީ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް އާއި ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. މީގެ އިތުރުން އެލެކްސިސް މެކް އެލިސްޓާ އާއި އެންޒޯ ފެނާންޑޭޒް އަދި ހޫލިއަން އަލްވަރޭޒް ވެސް ތިބީ އައު ޖީލަށް މަގުދައްކައިދޭން ތައްޔާރަށެވެ.

ވޯލްޑް ކަޕް ފައިނަލަށް ފަހު ކުޅުނު މެޗުތަކުގައި އާޖެންޓީނާގެ ޒުވާން ކުޅުންތެރިން ވަނީ އެމީހުންގެ ފެންވަރު ސާބިތުކޮށްދީފަ އެވެ. އެގޮތުން ބޮލީވިއާ އަތުން 4-0 އިން މޮޅުވި މެޗުގައި ނިކޯ ޕާޒް އަދި ހޯސޭ މެނުއަލް ލޮޕޭޒް ލަނޑު ޖެހިއިރު، ހޮނިހިރު ދުވަހު ބުރްކީނާ ފާސޯ އަތުން 7-0 އިން މޮޅުވި މެޗުގައި މަސްތަންތުއޯނޯ އަދި ޖިއަންލޫކާ ޕްރެސްޓިއާނީ ވަނީ ގައުމީ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ. ނަމަވެސް މެސީގެ ތާރީޚީ 10 ނަންބަރު ޖާޒީ ލިބޭނީ ކާކަށްތޯ އުފެދިފައިވާ ސުވާލާ ގުޅޭގޮތުން ސްކަލޯނީ ބުނީ، މެސީގެ އަލްވަދާއީ މެޗު ނިމެންދެން އެއްވެސް ކުޅުންތެރިއަކަށް 10 ނަންބަރު ޖާޒީ ނުދޭނެ ކަމަށާއި، އެކަމާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށެވެ.