ސްކޫލް ވަގުތުތަކުގައާއި ހުސްވަގުތުތަކުގައި ވެސް ސްކޫލް ދަރިވަރުން މޯބައިލް ފޯނު ބޭނުންކުރުން މަނާކުރުމަށް ނެދަލެންޑްސްގެ ކެބިނެޓުން ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކަށް ގޮވާލައިފިއެވެ.

އެ ޤައުމުގެ ބްރޯޑްކާސްޓަރު އެންއޯއެސް އިން ހޯމަ ދުވަހު މިކަން ވަނީ ހާމަކޮށްފައެވެ.

Ad
rt

ހުށަހަޅާފައިވާ މި ފިޔަވަޅުތަކުގެ ދަށުން، 2027 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން، ކްލާސްރޫމްތަކާއި އެސެމްބްލީ ހޯލްތަކާއި ބްރޭކް ގަޑިތަކުގެ އިތުރުން މުޅި ސްކޫލުގެ ގޯތިތެރޭގައި ވެސް ފޯނު ބޭނުންނުކޮށް ދުރުގައި ބަހައްޓަން ދަރިވަރުންނަށް ލާޒިމުވާނެއެވެ. މުޅި ޤައުމަށް ނިސްބަތްވާ ގޮތަށް މިފަދަ މަނާކުރުމެއް ކަނޑައެޅުމުގެ ޤާނޫނީ ބާރު މިވަގުތު ކެބިނެޓަށް ލިބިފައި ނެތް ނަމަވެސް، ތަޢުލީމީ ދާއިރާއަށް މިފަދަ އިރުޝާދުތަކާއި ލަފާތައް ދިނުމުގެ ބާރު ސަރުކާރަށް އޮވެއެވެ.

މި ހުށަހެޅުމަކީ އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ނުރައްކާތަކުންނާއި، މާބޮޑަށް އޮންލައިންވެ އުޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ފުޅާ ސްޓްރެޓެޖީގެ ބައެކެވެ. ކުޑަކުދިންނަށް ސްކްރީނާ ދުރުވުމަށް ހުރަސްއަޅާ ކަންކަމުގެ ތެރޭގައި ދެވިހިފާ ގޮތަށް ހުންނަ އެލްގޮރިޒަމްތަކާއި، އަމިއްލައަށް ޕްލޭވާ ވީޑިއޯތަކާއި، ސޯޝަލް މީޑިއާ ހިމެނޭކަމުގެ އިންޒާރު އޮފިޝަލުން ވަނީ ދެއްވާފައެވެ.

މީގެކުރިން 2024 ވަނަ އަހަރު ވެސް، ކިޔަވައިދޭ ވަގުތުތަކުގައި ފޯނު ބޭނުންކުރުން ހަނިކުރުމަށް ނެދަލެންޑްސް ސަރުކާރުން ވަނީ ޤައުމީ ފެންވަރުގެ އެއްބަސްވުންތަކެއް ޤާއިމުކޮށްފައެވެ. ނަމަވެސް މިހާރުގެ އަމާޒަކީ ކިޔަވައިދޭ ވަގުތުގެ އިތުރުން މުޅި ސްކޫލު ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ފޯނު ބޭނުންކުރުން ހުއްޓުވުމެވެ.

މީގެ އިތުރުން ވެސް އޮންލައިންކޮށް ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނެދަލެންޑްސްގެ ކެބިނެޓުން ދަނީ ބާރުއަޅަމުންނެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރެވޭނެ އެންމެ ދަށް ޢުމުރެއް ކަނޑައެޅުން ހިމެނެއެވެ. މިކަމުގައި ޔޫރަޕިއަން ކޮމިޝަނުން 13 އަހަރު ކަނޑައެޅުމަށް ވިސްނަމުންދާއިރު، ނެދަލެންޑްސް ސަރުކާރުން ހުށަހަޅަނީ އެންމެ ދަށް ޢުމުރަކީ 15 އަހަރު ކަމުގައި ހެދުމަށެވެ.

ހަމައެއާއެކު، އާއިލީ ވްލޮގަރުންނާއި ކުޑަކުދިންގެ އިންފްލުއެންސަރުންނަށް އަމާޒުކޮށްގެން ހަރުކަށި އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. ހުށަހަޅާފައިވާ މި އުސޫލުތަކުގެ ދަށުން، 15 އަހަރުން ދަށުގެ ކުދިން ބޭނުންކޮށްގެން އުފައްދާ އޮންލައިން ކޮންޓެންޓަކީ ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުން ކަމުގައި ބެލެވި، އެކަމަށް އަދަބު ކަނޑައެޅޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.