ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއެކު ކްލާސްރޫމްތަކަށް އަންނަމުންދާ ބަދަލުތަކާ އިތުބާރާއެކު ކުރިމަތިލުމަށްޓަކައި، މުދައްރިސުން ބާރުވެރިކުރުވައި ވަސީލަތްތައް ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ޓެކްނޮލޮޖީއާއި އޭއައިގެ ސަބަބުން ކިޔަވައިދޭ މާހައުލު ބަދަލުވަމުންދާއިރު، މުދައްރިސުންނަށް އައު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި މުދައްރިސުން މަސައްކަތްކުރަން ޖެހިފައިވަނީ ކުރިމަގުގައި އޮތް ޔަގީންކަމެއް ނެތް ހާލަތްތަކެއްގެ ތެރޭގައިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

Ad
rt

އެހެންކަމުން، މި ބަދަލުތަކަށް އިތުބާރާއެކު ހޭނުމަށްޓަކައި ޓީޗަރުން ބާރުވެރިކުރުވައި، އެ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ފަސްޓްލޭޑީ ވަނީ ބަޔާންކުރައްވާފައެވެ.

މީގެއިތުރުން، ދަރިވަރުންނަށް މަގުދައްކައިދީ ތަރުބިއްޔަތު ކުރުމުގައްޔާއި، މިއަދު ފަޚުރުވެރިވާ ފަދަ ވަރުގަދަ އަދި އަޅާލާ މުޖުތަމަޢުތަކެއް ބިނާކުރުމުގައި މުދައްރިސުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަން މެޑަމް ސާޖިދާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ ދިރިއުޅުމަށް ދެމިގެންދާ ފަދަ ހެޔޮ ބަދަލުތަކެއް ގެނެސްދޭ މުދައްރިސުންގެ ބުރަ މަސައްކަތާއި، އެބޭފުޅުންގެ ކޮމިޓްމަންޓާއި އޯގާތެރިކަން އެކަމަނާ އަގުވަޒަންކުރެއްވިއެވެ.

ކޮންމެ ދުވަހަކުވެސް ކިޔަވައިދިނުމުގެ ޚިދުމަތުގައި ދެމިތިބެ، މުދައްރިސުން ދައްކުވައިދޭ ކެތްތެރިކަމާއި އަޅާލުމަށްޓަކައި ހުރިހާ މުދައްރިސުންނަށް މެޑަމް ސާޖިދާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ މުދައްރިސުން ކުރާ މަސައްކަތަކީ އަގުހުރި އަދި މުހިންމު މަސައްކަތެއް ކަމަށެވެ.

ހަމައެއާއެކު، މުދައްރިސުންގެ މަސައްކަތުން ދަރިވަރުންނަށާއި މުޖުތަމަޢަށް ކުރާ ހެޔޮ އަސަރަކީ ހަމައެކަނި ކްލާސްރޫމުގެ ފާރުތަކުގެ ތެރޭގައި މަޑުޖެހިފައި އޮންނަ ކަމެއް ނޫން ކަމަށާއި، އޭގެ ހެޔޮ ނަތީޖާ މާ ދުރަށް ދެމިގެންދާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލައްވާފައިވަނީ މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި މުދައްރިސުންނަށް އަރިސްކުރައްވަމުންނެވެ.