މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދައި، ވިއްކައި ވިޔަފާރިކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރް އަދި 23 އަހަރުގެ ކަންނަން އިރުލައްޕަން އެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މާލޭގެ މަގުމަތިން ހުއްޓުވައިގެންނެވެ.
އެ މީހުން ހުއްޓުވުމަށް ފަހު، އެ މީހުން ދުއްވި ސައިކަލާއި މާލޭގައި އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ 906 ފުޅިއާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 16 ޓައްޕު ވަނީ ފެނިފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ވެސް އެ ތަނުން ވަނީ އަތުލައިގެންފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ މީހުން ދުއްވި ސައިކަލު މިހާރު ޓޯކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި އެ ދެ މީހުން މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މާލޭގައި ބަނގުރާ އުފައްދައި، ވިއްކައި ވިޔަފާރިކުރަމުން ދިޔަ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!