މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެބޭފުޅުން އުފުއްލަވަންޖެހޭ މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަކީ މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން، މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ މުދައްރިސުންގެ މަސައްކަތުގެ މާޙައުލު ރަނގަޅުކޮށްދީ، އެންމެން ޝާމިލުވާ ތަޢުލީމީ ނިޒާމެއް ހަރުދަނާކުރުމަށް ކަމަށެވެ. އަދި ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށްޓަކައި މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ވެސް ސަރުކާރުން އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި މުދައްރިސުން ގެންދަވަނީ، ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެއަކަށް ޒުވާނުން އަހުލުވެރިކުރުވުމުގައި މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެއްވަމުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، އެބޭފުޅުންގެ ޢިލްމާއި، އިޚްލާޞްތެރި މަސައްކަތުގެ އަގުވަޒަންކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ޅަދަރިންގެ ވިސްނުމަށް މުދައްރިސުން ގެނެސްދެއްވާ ދެމިހުންނަނިވި ހެޔޮ ބަދަލުތަކާއި، ޤައުމުގެ މުސްތަޤްބަލަށްޓަކައި ކޮށްދެއްވާ އަގުހުރި ޚިދުމަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުން ވެވަޑައިގަންނަވާ ޤުރުބާނީއަށާއި، ދައްކަވާ ސާބިތުކަމަށްޓަކައި ހިތުގެ އިޚްލާޞްތެރި ޝުކުރު ރައީސް އަދާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މުދައްރިސުން އަދާކުރައްވާ މުހިންމު ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާޙައުލެއް އެބޭފުޅުންނަށް ފަހިކޮށްދިނުން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. ސަބަބަކީ މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، ދަރިންނާއި މުޅި ޤައުމު ބިނާވެގެންދާނެ ބިންގާ ވަރުގަދަކޮށްދޭނެ ކަމަކަށް ވާތީ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، މުދައްރިސުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގައްޔާއި، ތަޢުލީމީ ޚިދުމަތްތެރިންނަށް އިންވެސްޓްކުރުމުގައި ދެމިތިބުމަށް ގޮވާލައްވާފައެވެ. އަދި ކޮންމެ ކުއްޖެއްގެ ކިބައިގައިވާ ފުރިހަމަ ޤާބިލުކަން އެންމެ މައްޗަށް ގެންގޮސްދިނުމަށްޓަކައި، ކޮންމެ މުދައްރިސަކަށްވެސް ބޭނުންވާ އެހީތެރިކަން ލިބިދޭނެ ފަދަ ތަޢުލީމީ ނިޒާމެއް ބިނާކުރުންމަތީ ދެމިތިބުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!