ހަމަލާތަކެއް ދޭން ރާވަމުންދިޔަކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުން ބަޔަކު ހައްޔަރުކުރިތާ ހަފުތާއެއް ފަހުން، އެ ގައުމުގެ އަސްކަރީ ވައިގެ މަރުކަޒެއްގައި އޮންނަ އެމެރިކާގެ ބީ-1 މަރުކާގެ ބޮންއަޅާ ބޯޓުތައް އަނބުރާ ގެންގޮސްފައިވާ ކަމަށް ޕެންޓަގަންގެ އޮފިޝަލަކު އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ލަންޑަނުގެ ހުޅަނގު އުތުރުގައި އޮންނަ އާރްއޭއެފް ފެއާފޯޑް އެއާ ބޭސްގައި އެމެރިކާގެ ބީ-1 މަރުކާގެ 12 ބޮންއަޅާ ބޯޓު ގާއިމުކޮށްފައި އޮތެވެ. މި ބޯޓުތަކަކީ އީރާނާ ދެކޮޅަށް އެމެރިކާއިން ދިން ހަމަލާތަކުގައި ބޭނުންކޮށްފައިވާ އުޅަނދުތަކެކެވެ.

Ad
rt

ޕެންޓަގަންގެ ތަރުޖަމާނަކު އީމެއިލް މެދުވެރިކޮށް ފޮނުއްވި ބަޔާނެއްގައި ވިދާޅުވީ، އަސްކަރީ އޮޕަރޭޝަންތަކުގެ ސަލާމަތީ ސަބަބުތަކަށްޓަކައި ސިފައިންނާއި ވަސީލަތްތައް ދަތުރުކުރި ވަގުތު އެކަން ކަށަވަރުކޮށްނުދެވުނު ނަމަވެސް، ފެއާފޯޑުގައި ހުރި އެމެރިކާގެ ހުރިހާ ބޮންއަޅާ ބޯޓުތައް މިހާރު އެމެރިކާގައިވާ އެ ބޯޓުތަކުގެ މައި މަރުކަޒުތަކަށް އަނބުރާ ގޮސްފައިވާ ކަމަށެވެ. އެ މަރުކަޒަށް އަމާޒުކޮށް ''ޓެރަރިސްޓް'' ހަމަލާއެއް ދޭން ރާވާފައިވާ ކަމަށް ބެލެވޭތީ، ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ މި ބޯޓުތައް އެނބުރި ގެންދިޔަކަން އެންމެ ފުރަތަމަ ރިޕޯޓުކުރީ ވޯލް ސްޓްރީޓް ޖާނަލް އިންނެވެ.

ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދެމުންދިޔަ އީރާނުގެ މިސައިލް ސައިޓްތަކަށް ހަމަލާދިނުމަށް ފެއާފޯޑްގައި ތިބި ބޮންއަޅާ ބޯޓުތައް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި ސަރުކާރުން ކުރިން އޮތީ އެމެރިކާއަށް ދީފައެވެ.

އިނގިރޭސިވިލާތުގެ މި އަސްކަރީ މަރުކަޒަށް ހަމަލާދިނުމަށް ރޭވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ބުދަ ދުވަހު ވިދާޅުވީ، އެ ރޭވުމުގައި އީރާނުގެ ބައިވެރިވުން އޮތް ކަމުގެ "ވަރުގަދަ ނިޝާންތަކެއް" ފެންނަން އެބަހުރި ކަމަށެވެ. ނަމަވެސް މި ތުހުމަތުތައް ދޮގުކޮށް އީރާނުން ބުނެފައިވަނީ، އެ ރޭވުމާ ތެހެރާނާ ގުޅުވައި ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މި މައްސަލައިގައި އީރާނުން ވަނީ ތެހެރާންގައި ހުންނަވާ އިނގިރޭސި ސަފީރު ހާޒިރުކޮށްފައެވެ.

މި ރޭވުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިކަމުގައި ބައިވެރިވި މީހުން ރާވާފައިވަނީ "ބޮޑު ގެއްލުމެއް" ދިނުމަށް ކަމަށެވެ. މީގެއިތުރުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ މިކަމުގައި "ބޭރުގެ ފަރާތެއްގެ އަތެއްވާ" ކަމަށް ތުހުމަތުކުރައްވާފައެވެ.